ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގާ މެދު ހިތްހަމަނުޖެހޭތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން އަނެއްކާ ވެސް ފުލުހުންނާ ބައްދަލުކުރައްވައިފި އެވެ.
މިއީ އޯޑިއޯތަކުގެ މައްސަލަައިގައި އިދިކޮޅު އިސް ބޭފުޅުން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވި ހަތަރު ވަނަ ފަހަރެވެ. އިދިކޮޅު ބޭފުޅުންނާ މިއަދު ބައްދަލުކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އޯޑިއޯތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ މަޝްވަރާ ކުރުމަށްފަހު އެ މައްސަލާގައި ތަހުގީގެއް ކުރަން ޖެހޭނަމަ އެކަމެއް ކުރާނެ ކަމަށް ރިޔާޒު މައުލޫމާތު ދެއްވި ކަމަށް އަދުރޭ ވިދާޅުވި އެެވެ.
"ދެން ރިޔާޒު ވިދާޅުވީ އޯޑިއޯ އެނެލިސިސް ހަދާފައި ޖޭއެސްސީއަށް ފޮނުވައިފީމޭ. އިތުރު އެއްޗެއް ވިދާޅެއް ނުވޭ" އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލަަށް ލުމަށް ހުކުމްކުރެއްވި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް އެ ބޭފުޅުން ވިދާޅުވާ ކަމަށް ބުނާ ވާހަކަތަކެއް ލީކުވި އޯޑިއޯތަކުން އިވެ އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އަދި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ހިމެނޭ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އޯޑިއޯ ތަހުލީލު ހެދުމަށްފަހު ލީކުވި އޯޑިއޯތަކުގައިވާ އަޑުތަކާއި ގާޒީ އަލީ އާދަމް އަދި ގާޒީ މުހައްމަދު ސަމީރުގެ އަޑު ދިމާނުވާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
އޯޑިއޯތަކުގެ ތެރެއިން އަޑު ދިމާވީ ގާޒީ ހުސައިން ފާއިޒު ރަޝާދު އަޑާ އެކަންޏެވެ. އެހެންވެ އެ މައްސަލަ ބަލައި ނިމެންދެން އެ ގާޒީ ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގަ އެވެ.
އޯޑިއޯތަކުގެ މައްސަލަ ތަހުގީގުކުރަން އިދިކޮޅުން މަޖިލީހުގެ ތަޅުމަށް ވެސް ކުރިން ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުން އެ މައްސަލަ ބަލައިނުގަތުމުން ފަހުން ވަނީ މަޖިލީހުގެ ތިން ކޮމިޓީއަކަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.