އާދަމް ޝަރީފު އުމަރު

"އޯޑިއޯތަކުގެ މައްސަލައިގައި ޕީޖީއަށް އިތުބާރެއް ނުކުރަން: އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައިވާ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެއްވެސް ފިޔަވަޅެއް އަޅާނެ ކަމުގެ އިތުބާރެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ޕީޖީ ހުސައިން ޝަމީމާ ބައްދަލުކުރެއްވުމަށްފަހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންސީ އަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ފަޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ އާންމުވެފައިވާ އޯޑިއޯ ތަކަކީ ސައްހަ އޯޑިއޯތަކެއް ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ރަނގަޅަށް ބަލައި ދިނުމަށް ޕީޖީގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އާންމުވެފައިވާ އޯޑިއޯތަކުގެ އެނަލިސިސް ހަދަން ފުލުހުން، އާންމުންގެ މީހަކާއި ހަވާލުކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ އެކަމުގެ ކަންބޮޑުވުން ތަކެއް ވެސް ޕީޖީއާ ހިއްސާކޮށްފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ އޯޑިއޯ ތަކުގެ އެނަލިސިސް ހަދަން ފުލުހުން ހަވާލުކޮށްފައިވާ އާންމު ފަރާތުގައި އެކަމުގެ ގާބިލްކަމާއި ތަޖުރިބާ ހުރި ގޮތެއް އެނގިފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ހެކިބަސް ބޭނުންކުރާތީ އެކަމުގެ ކަންބޮޑުވުން ތަކެއް ވެސް އިދިކޮޅުން ވަނީ ޕީޖީއާ ހިއްސާކޮށްފަ އެވެ.

"އެ ދެ ބޭފުޅުންގެ ހެއްކަކީ އިސްލާމީ ޝަރީއަތަށް ރިއާޔަތް ކުރާނަމަ ވެސް ބޭނުންކުރެވޭނެ ހެއްކެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހިއްސާކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ފަޑިޔާރުންގެ އޯޑިއޯގެ އެނަލިސިސް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލައި އެނަލިސިސްގެ ނަތީޖާ ހޯދާނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ. ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ޝަރުއީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމުގައި ޕީޖީ ވިދާޅުވި ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އިދިކޮޅުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ޕީޖީ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.

"ފުލުހުންގެ ގާނޫނަށް ގެނައި އާ ބަދަލާއެކުގައި ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދަންވީ ގޮތް ބުނެދިނުމުގެ ބާރު ޕީޖީއަށް ލިބިގެންވޭ. އެކަމަކު އެ ބާރު މިހާތަނަށް ވެސް ބޭނުންކޮށްފައެއް ނެތް. އަދި އޯޑިއޯ ތަކާ ގުޅިގެން ވެސް ޕީޖީ މިހާތަނަށް ވެސް ނެތް އެއްވެސް މައުލޫމާތެއް ހޯއްދަވާފައެެއް. އެހެންވެ ޕީޖީ އަށް އިތުބާރު ނުކުރެވެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.