ޕީޕީއެމް

ޖޭއެސްސީގެ ނިންމުން އިދިކޮޅުން ގަބޫލެއް ނުކުރި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ޖޭއެސްސީއިން ބުނުމުން އެ ނިންމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގަބޫލެއް ނުކުރި އެވެ.

ފަޑިޔާރުން އޯޑިއޯ ތަކުގެ މައްސަލައިގައި މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރޭގެ ވަގުތެއްގައި އޯޑޮއޯތައް ސައްހަ ނޫން ކަމަށް ބުނެ ޖޭއެސްސީއިން ނެރުނު ބަޔާން ގަބޫލް ނުކުރައްވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އޯޑިއޯތަކުގެ މައްސަލައިގައި ރައީސް ސޯލިހަށާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރެއްވި ކަމަށެވެ. " ރައީސް ނަޝީދު ވިދާޅުވި ރައީސް ޔާމީނަށް ހުކުމް އަންނާނެ އޭ. ތި ބޭފުޅުން ދެން މަސައްކަތްކުރައްވާށޭ ހައިކޯޓުން ގޮތެއް ހޯދަން." އަދުރޭ ވިދާޅުވި އެވެ. ނަޝީދު އެހެން ވިދާޅުވުމުން މި މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރު އެނގިގެންދިޔަ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސަރުކާރުގެ މުޅި މަގުސަދު ބިނާވެފައިވަނީ ރައީސް ޔާމީނަށް އަނިޔާ ކުރުމަށް ކަމަށެވެ. އިދިކޮޅު ކޯލިޝަނުން މި މައްސަލައާއި ގުޅިގެން ކޮންމެ ވާހަކައެއް ދެއްކިއަސް ސަރުކާރުގެ ޖަވާބެއް ނުލިބޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"ސްޕްރީމް ކޯޓުގެ ޒިންމާ ވެސް މިކަމުގައި އެބަ އޮތް. ހުކުމާ ހަމައަށް ގޮސްފަ އޮތް މައްސަލައެއް މިއީ. މި މައްސަލައާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވަނީ ފަޑިޔާރުންގެ އޯޑިއޯ ތަކާ،" އަދުރޭ ވިދާޅުވި އެވެ.

ރޭގެ ވަގުތެއްގައި ޖޭއެސްސީ ނެރުނު ބަޔާން ގަބޫލް ނުކުރައްވާ ކަމަށާއި އެއަށްވުރެ ރަނގަޅަށް އޯޑިއޯގެ މައްސަލަތައް ބަދައިދިނުމަށް އަދުރޭ ގޮވާލެއްވި އެވެ. އަދި މިނިވަންކަމާއެކު ފުލުހުންގެ މުވައްސަސައިން މަސައްކަތް ކުރުމަށް ވެސް ގޮވާލެއްވެވި އެވެ.

ފަޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީން ނެރުނު ބަޔާނުގައު ބުނީ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމް އާއި މަހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.