ޖޭއެސްސީ

ތަފާތުކުރާ ކަމުގެ ޝަކުވާ ހުށައެއް ނާޅާ

Feb 7, 2022
1

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޝަރުއީ ދާއިރާގެ ތެރެއިން ތަފާތު ކުރުން ގެންގުޅޭ ކަމުގެ ތުހުމަތާއި ޝަކުވާ ބަޔަކު ކުރަމުން ދިޔަ ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅާފައި ނުވާ ކަމަށް އެ ދެ އިދާރާ އިން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅުވައި ކްރިމިނަލް ކޯޓުގައި ހިންގާ މައްސަލަތަކުގައި ރައީސް ޔާމީނާއި ސިޔާސީ އެހެން ބައެއް ބޭފުޅުންނާ ތަފާތުކުރާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައި ވެއެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް މިހާރު ޝަރީއަތް ކުރާ ދެ މައްސަލަ ލައިވް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން ވަސީލަތް ނެތް ކަމަށް ބުނެ ކޯޓުން ވަނީ އެކަން މިވަގުތު ކުރެވެން ނެތް ކަމަށް އަންގާފަ އެވެ. އެކަމުގައި ވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން މީޑިއާގައި ޝަކުވާ ކޮށްފައިވެ އެވެ.

މީގެއިތުރުން ވ. އާރަށާއި ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިއަހަރު ނޮވެމްބަރު މަހު ހުކުމް ކުރުމަށް ކުރިން ތާވަލްކުރުމަށްފަހު އެ ދެ މައްސަލައިގައި ޖޫން މަހު ހުކުމްކުރަން ކުއްލިއަކަށް އަވަސް ކުރުމާ ގުޅިގެން ވެސް އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ބުނީ ދެ ފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ ތާރީހުތަކަށް އެ ދެ ފަރާތާ މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި މުޅިން ހިލާފު ކަމެއް ކަމަށެވެ.

ރައީސް ޔާމީނަށް ތަފާތު ކުރުން އޮތް ކަމަށް އިދިކޮޅު ކޯލިޝނުން ބުނި ނަމަވެސް ޖޭއެސްސީއާއި ޑީޖޭއޭ އިން ބުނީ އެފަދަ ޝަކުވާއެއް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ. ޝަކުވާއެއް ލިބިއްޖެނަމަ އޮންނަ އުސޫލުން އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ ދެ އިދާރާ އިން ބުނެ އެވެ.

ރައީސް ޔާމީންގެ މައްސަލަތަކާ ގުޅޭ ޝަކުވާއެއް ޖޭއެސްސީއާއި ޑީޖޭއޭ އަށް ހުށަހަޅާފައި ނެތް ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކޮށް އަދި ޖޭއެސްސީ ހައިޖެކްކޮށްފައިވާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ ތަކެކެވެ. އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑާ ކުރުމުގެ ފުރަތަމަ ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ނޮވެމްބަރު މަހު ކަނޑައަޅާފަ އެވެ.