އިދިކޮޅު ފަރާތްތައް

ބެންޗުން ގާޒީ އަލީ ރަޝީދު ވަކި ކުރަންޖެހޭ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީ ލޯންޑަރިންގެ ޝަރީއަތް ކުރާ ބެންޗުގައި ހިމެނި ވަޑައިގަންނަވާ، ކްރިމިނަލް ކޯޓާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދިފައިވާތީ ބެންޗުން އޭނާ ވަކި ކޮށްދޭން އެދޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އޮތްވާ ރައީސް ޔާމީންގެ ޝަރީއަތް ކުރާ ފަނޑިޔާރުންގެ ބެންޗުގައި އޭނާ ހިމެނި ވަޑައިގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން މީޑިއާގެ ވަކި ޓީވީއަކަށް އަލީ ރަޝީދު އިންޓަވިއު ދެއްވާފައިވާތީ އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައި ދޭން އަމިއްލަ ފަރާތަކުން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިދިޔަ އާދީއްތަ ދުވަހު މައްސަލައެއް ހުށަހަޅައިފަ އެވެ. އޭނާ އިންޓަވިއު ދެއްވީ ރާއްޖެ ޓީވީއަށެވެ.

ޖޭއެސްސީއަށް އެ މައްސަލަ ވައްދާފައި ވަނިކޮށް، އަލީ ރަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސް ޔާމީންގެ ޝަރީއަތް ބައްލަވަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލި އެވެ. އޭގެ ކުރިން މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެކަންޏެވެ.

އެކަމަކު މައްސަލައިގެ ހުރިހާ އަޑުއެހުމެއް ބާއްވައި ހުކުމް ކުރަން ތާވަލުކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ޖޭއެސްސީން ހައިލަމް ސަސްޕެންޑްކޮށް އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ އެވެ. މިހާރު މައްސަލަ ބައްލަވާ ބެންޗާއެކު މާދަމާ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ އެވެ.

އެ ކަންކަމަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ މީގެ ކުރިން ވެސް މިހާރު އޮތް ޖޭއެސްސީން ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި އަަމަލު ކުރި ހަލުވި މިނުގައި އަލީ ރަޝީދުގެ މައްސަލާގައި ވެސް އަމަލު ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލައެއް އޮތުމުން ޔާމީންގެ ޝަރީއަތް ބައްލަވާ ބެންޗުން އޭނާ ވަކި ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ޖޭއެސްސީއަށް ހަމަ ގޮވާލަން، މިހާރުން މިހާރަށް ވެސް އެ ކޮމިޝަނުން އެ ބާއްވާ ކުއްލި ބައްދަލުވުންތައް ބާއްވައި އަލީ ރަޝީދު މި ބެންޗުން ނަންގަވާށޭ. އެއީ ދެ ފަރާތަށް ވެސް އެންމެ މަސްހަލަތު ހުރި ގޮތް،" އަދުރޭ ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަލީ ރަޝީދުގެ ނަޒާހަތްތެރި ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭނެ ޖަގާ އެބަ އޮތް ކަމަށެވެ. އެ ގޮތުން މީގެ ކުރިން ރައީސް ޔާމީނަށް ފާޑުވިދާޅުވެ ގާޒީ އަލީ ރަޝީދު ވަރަށް ގިނައިން ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޑިމޮކްރަސީގެ ހަމަތަކުގައި އަމަލު ކުރާނަމަ، އެފަދަ ގާޒީއަކު ރައީސް ޔާމީންގެ ޝަރީއަތް ބައްލަވާ ބެންޗުގައި ހިމެނިގެން ނުވާނެ ކަމަށެވެ. އަދި ބެންޗުގައި ހިމެނި ވަޑައިގަންނަވާ އެއްވެސް ފަނޑިޔާރަކަށް ސަރުކާރުން ނުފޫޒު ފޯރުވާނަމަ ލަސްނުވެ އެ ކަން ހާމަ ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"ގާޒީ އަލީ ރަޝީދު ވެސް ގަބޫލު ކުރަން ޖެހޭ މާދަމާ އޭނާގެ ކުރިމައްޗަށް ވެސް އަރާ ހަމަ ކުރާނެ ކަން، އެހެން ފަނޑިޔާރުން ވެސް އެކަން ގަބޫލު ކުރަން ވާނެ، އެހެންކަމުން އެއްވެސް ނުފޫޒެއް އަންނަނަމަ އެ ކަން އެބަ ޖެހޭ ހާމަ ކުރަން،" ޝުޖާއު ވިދާޅުވި އެވެ.