އިދިކޮޅު ފަރާތްތައް

އަލީ ޒާހިރު ވަކިކޮށް ފަނޑިޔާރުން ސަސްޕެންޑް ކުރަން ގޮވާލައިފި

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާއި ކްރިމިނަލް ކޯޓްގެ ގާޒީ ހުސައިން ފާއިޒު އާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްއަށް ފިޔަވަޅު އަޅައިި ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އެ ކޯލިިޝަނުން މިކަމަށް ގޮވާލާފައި ވަނީ ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓްގައި ހިންގެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒު އާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވި މައްސަލާގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

ހައި ކޯޓްގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓްގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވަނީ އޯޑިއޯތަކުގައި އިވެނީ އެ ފަނޑިޔާރުންގެ އަޑު ކަމަށް ވަރަށް ޔަގީން ކަމާއެކު ވިދާޅުވެފައެވެ. އަދި އެ ދެ ބޭފުޅުން ފަނޑިޔާރުކަން ކުރެއްވިއިރު އަލީ ޒާހިރު ގުޅުއްވާ މައްސަލަތައް ނިންމަވަންވީ ގޮތް އަންގަވާ ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފަ އެވެ.

މިރޭ އިދިކޮޅުގެ މައި އޮފީހުގައި އޮތް ނޫސްވެެރިންގެ ބައްދަލްވުމެއްގައި އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ތިން ފަނޑިޔާރުންގެ މައްސަލަ ވަރަށް އަވަހަށް ބައްލަވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ހިންގާއިރު އެ ފަނޑިޔާރުން އެކަހެރި ކުރުމަށް ވެސް ގޮވާލެއްވި އެވެ.

"އަޅުގަނޑު މިރޭ ވެސް ސަރުކާރަށް ގޮވާލަން ބޭނުން މި މައްސަލަ އަވަހަށް ތަހުގީގުކޮށްދެއްވާށޭ. ތަހުގީގު ކުރެވެންދެން ވެސް އެ ތިން ފަނޑިޔާރުން މިހާރުން މިހާރަށް ސަސްޕެންޑްކޮށް ދެއްވާށޭ. އެއީ މި ސަރުކާރުން ވަރަށް ފަސޭހައިން ކުރައްވާ ކަމެއް. މިސާލަކަށް ޔޫތު މިނިސްޓަރު މަހުލޫފު އެ ހުންނެވީ ސަސްޕެންޑްކޮށްފައި. މިހާރު ދިމާވެފައި މި އޮތީ އެއަށްވުރެ މާބޮޑު ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ވާހަކައަކީ ޔޯލަ ވާހަކައެއް ނޫންކަން އެތައް ފަނޑިޔާރުންގެ ވާހަކަތަކުން ކަށަވަރު ވެއްޖެ ކަމަށެވެ. މަގާމުގައި ތިއްބެވި ތިން ފަނޑިޔާރަކާއި މަގާމުން ދުރަށް ވަޑައިގެންފައި ތިއްބެވި ދެ ފަނޑިޔާރަކު އަލީ ޒާހިރު ގުޅުއްވާ ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވުމަކީ ބަލަން ޖެހޭ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ޒާހިރު މިހާރުން މިހާރަށް މަގާމުން ދުރު ކުރުމަށް ގޮވާލެއްވި އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު މިރޭ އެންމެ ފުރަތަމަ ކަމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަން ބޭނުން މިރެއިން މިރެއަށް އަލީ ޒާހިރު މަގާމުން ވަކިކޮށްދެއްވާށޭ. އެ ވަރުގެ މީހަކު މީހަކު ހެޔޮނުވާނެ ދައުލަތުގެ އެވަރުގެ އިސް މަގާމެއްގައި ބަހައްޓާކަށް. މިރެއިން މިރެއަށް އަލީ ޒާހިރު މަގާމުން ވަކިކުރެއްވުމަށް މި ކޯލިޝަނުން ގޮވާލަން،"

ނޫސްވެރިންގެ ބައްދަލްވުމުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަލީ ޒާހިރު، ފަނޑިޔާރުންނަަަށް ގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ވިދާޅުވިއެވެ.

"އަލީ ޒާހިރު އަޅުގަނޑާއިވެސް ގުޅުއްވިއޭ. ހައިކޯޓްގެ ބައެއް މައްސަލަތަކާއި ގުޅޭގޮތުން އަޅުގަނޑާ އެކި ފަހަރު މަތިން... އެއްދުވަސް، ދެ ދުވަސް ތިން ދުވަސް ކީއްކުރަންތޯ ވަރަށް ގިނަ ފަަހަރު އަޅުގަނޑާ ގުޅުއްވި. އެކަމާއި އަޅުގަނޑު ހިތްހަމަނުޖެހިގެން އަޅުގަނޑުގެ ލީގަލް އޮފިސަރާއި ދިމާއަށް މިހެން ފޯނުވެސް އެއްލާލިން، މިބޭފުޅުންނޭ މީގެ ކުރީން ތިމަންނަމެން ނުފޫޒު ނުފޯރުވާނަމޭ، މައްސަލަތަކާއި ނުބެހޭނެމޭ، ޖުޑީޝަރީ މިނިވަން ކުރަންވާނަމޭ ވިދާޅުވި ބޭފުޅުންނޭ މިއަދު މައްސަލަތަކާއި ގުޅިގެން މި ގުޅުއްވަނީ،" މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމުމުން އިސްތިއުފާދެއްވި ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވަނީ އިންތިހާއަށް ކަަމަށާ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކޯޓްތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް އަލީ ޒާހިރު ގުޅުއްވަނީ ސީދާ ރައީސް ސޯލިހް އަންގަވައިގެން ކަމަށް އޭނާ ވިދާޅުވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"އަލީ ޒާހިރު އަޅުގަނޑާ ގުޅުއްވާއިރު އެބަ ވިދާޅުވޭ ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއޭ މިވެނި މައްސަލައެއްގެ ވާހަކަ. ފަނޑިޔާރޭ، މިވެނި ގޮތަކަށް މި ގެންދާށޭ. އަޅުގަނޑަށް ކެރޭ އަލީ ޒާހިރު ވަޑައިގަންނަވާ އަޅުގަނޑާ އެކީގައި މި ވާހަކަތައް ކަށަވަރު ކުރުމަށްޓަކައި،"

ނޫސްވެރިންގެ ބައްދަލްވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ އެންމެ އަދުލްވެރި ހުކުމެއް ނޫން ކަމަށެވެ. އަދި އެކަން މިހާރު އާންމުވެފައިވާ އޯޑިތަކުން އިތުރަށް ކަށަވަރުވާ ކަމަށެވެ.

ނަޖީބު ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާވެސް ކުރެއްވުނު ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމްއާއެކު ދެކެވުނު ބައެއް ވާހަކަތައް ހިއްސާ ކުރެއްވިއެވެ.

"އަޅުގަނޑަކީ އެކަން [ޔާމީންގެ ޝަރީއަތް ނުފޫޒު ފޯރުވުން] ގާތުން ދުން މީހެއް. އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަލްއުސްތާޛު އަހުމަދު ހައިލަމް. އަހުމަދު ހައިލަމް އެ މައްސަލަ ބެއްލެވިއިރުގައި އަޅުގަނޑާއި އަހުމަދު ހައިލަމްއާ ދެމެދު ދެކެވޭ ވާހަކަތައް އަޅުގަނޑު ހަނދުމަނުނެތޭ. އެއް ދުވަހެއްގައި އަޅުގަނޑު ކޮޓަރީގައި އިންދާ ހައިލަމް އަޅުގަނޑުގެ ކޮޓަރިއަށް ވެންނެވި. އޭރު ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވަނީ ހައިލަމް ފަނޑިޔާރު. އަޅުގަނޑު ދެންނެވިން ހައިލަމްއޭ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މަގާމަށް ހުސްނުއްސުއޫދު ހަމަޖެހޭ ހަބަރު އެބަ އިވެއޭ. އާދެ، ތެދަށް މި ދަންނަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ސިޔާސީ މަަންފާއެއް އަދި އަމިއްލަ ފައިދާއެއްނެތި މި ވާހަކަ މި ދައްކަނީ މި މުޖްތަމައުއަށް މި ވާހަކަ ބޭނުންވާނެތީ،"

"ހައިލަމް ވަގުތުން ގުޅީ ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޒާހިރަށް. އަލީ ޒާހިރަށް ގުޅުވުމުން އެއް މިނެޓް ނުވަނީސް އަލީ ޒާހިރު އަނެއްކާ ހަައިލަމަށް ގުޅުއްވަނީ. ހައިލަމަށް ގުޅުއްވީމަ ހައިލަމްގެ ފޯނު ސްޕީކަރަށް ލެއްވީ. ސްޕީކަރަށް ލައްވާފައި އަޅުގަނޑަށް އަޑުއިއްވަނީ، އަލީ ޒާހިރުގެ ކައިރީގައި ހައިލަމް މި ދަންނަވަނީވެސް އަލީ ޒާހިރެކޭ ނޫން، އަލިޕީއޭ ބުނީ. އަލިޕީއޭ މި ދެކެވެނީ ކޮން ވާހަކައެއްހޭ. ދެން އެ ކޮޅުން ވާހަކަ ދެއްކީ އަލީ ޒާހިރު. ވިދާޅުވީ ކިހިނެތްތޯއޭވީ. ބުނީމަ ބުނީ ހުސްނުއްސުއޫދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެބަ އައްޔަން ކުރޭ ނޫންހޭ. ލާހިކެއް ނޫނޭ އެއްވެސް ކަމެއް ތިމަންނާގެ ފަރާތުން ވާކަށް. މި ހަމަ ހަގީގަތް، ﷲއަށްޓަކައި ހަދާ ތެދެއް މީ. ބުނީމަ އަލީ ޒާހިރު ދަންނަވަނީ ހައިލަމް ހާސްވެވަޑައިނުގަންނަވާށޭ. ހައިލަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުވެފައޭ އޮތީ ޖާގަ. މިއީ ހަގީގަތް. ހަމަ ސީދާ އަޅުގަނޑަށް އަޑުއިއްވި،" މަގާމުން ދުރުކުރަން ނިންމުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވެވި ނަޖީބު ވިދާޅުވިއެވެ.

ނަމަވެސް ނަޖީބުގެ ވާހަކަތައް ހައިލަމް ވަނީ ދޮގު ކުރައްވާފަ އެވެ. ހައިލަމް ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ނަޖީބު މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ޝަރީއަތާމެދު އޭނާ ކަންބޮޑުވެވަޑައިގަންނަވާކަން ދެއްކެވުމަށެވެ. އަދި ހައިލަމްއާ ގުޅޭގޮތުން ދެއްކެވީ މުޅީންވެސް ދޮގު ވާހަކަ ކަމަށް ވިދާޅުވިއެވެ.

އަދި ނަޖީބަށް ތުހުމަތު ކުރައްވާ ވިދާޅުވީ އޭނާއަކީ ވަޒީފާގެ ކަށަވަރުކަން ހޯދުމަށް އެމްޑީޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެކަމަށް މަގު ފަހި ކުރެއްވުމަށް ރައީސް ޔާމީން ޖަލަށް ހުކުމް ކުރެއްވުމަށް އޭނާ އަރިހުގައި ނަޖީބު އެދިވަޑައިގެންނެވި ކަމަށެވެ.

"ރައީސް ޔާމީންގެ ޝަރީއަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން ކުރީގެ ގާޒީ ނަޖީބް އަޅުގަނޑާ ބެހޭގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތައް ކުށްވެރި ކުރަން. ނަޖީބަކީ ވަޒީފާގެ ކަށަވަރު ކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް،" ނަޖީބަށް ވަރަށް ބޮޑު ތުހުމަތެއް ކުރައްވާ ހައިލަމް ވިދާޅުވިއެވެ.