އަބްދުއްރަހީމް އަބްދުﷲ

"ޕީޕީއެމްގެ ވެރިކަމުގައި ގާނޫނާއި ހިލާފަށް ހައްޔަރެއް ނުކުރޭ"

ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނީ އިމުގެ ބޭރުން އެއްވެސް މީހަކު ހިފާ ހައްޔަރު ކޮށްފައި ނުވާ ކަމަަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.

މިވަގުތު އިދިކޮޅު ލީޑުކުރައްވާ އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައި ވާތީ އެ ފައިސާ ދެއްކުމަށް "ހައްގު ފޮށި" ނަމުގައި ފަންޑު ފޮއްޓެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ގާނޫނާއި ހިލާފަށް އެތައް ކަމެއް ކުރަމުންދާ ކަމަށާ އެ މައްސަލަތައް ބަލާނެ ދުވަސް އޮތީ ދުރުގައި ނޫން ކަމަަށެވެ. ގާނޫނީ އިމުގެ ތެރެއިން ހިންގަމުންދާ ކޮންމެ ކަމެއް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނެ ކަމަށާ އެއީ ރައީސް ސޯލިހު ނުވަތަ ރައީސް ނަޝީދު ނިސްބަތްވާ މައްސަލަތަކެއް ނަމަވެސް ނުބަލާ ދޫކޮށް ނުލައްވާނެ ކަމަށެވެ.

"ރައްޔިތުންގެ ވެރިކަމެއް ކުރަން ރައްޔިތުން ޕީޕީއެމް-ޕީއެންސީއާއި ހަވާލުކުރާ ދުވަހަކުން މިއަދު ގާނޫނާއި ހިލާފަށް ކުރާ ކަންތައްތައް އަޅުގަނޑުމެންގެ ސަރުކާރުން ބަލާނެ. އެއީ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލައެއް ނަމަވެސް ރައީސް ނަޝީދުގެ މައްސަލައެއް ކަމަށް ވިޔަސް އަދި އެނޫން ބޭފުޅެއްގެ މައްސަލައެއް ކަމުގައި ވިޔަސް ބަލާނެ. އެކަމަކު އަޅުގަނޑުމެން ބަލާނީ ގާނޫނީ އިމުގެ ތެރެއިން،"

އަބްދުއްރަހީމް ވިދާޅުވީ 2013 އިން 2018 އަށް ޕީޕީއެމުން ކުރި ވެރިކަމުގައި ގާނޫނީ އިމުގެ ތެރެއިން ނޫނީ އެއްވެސް މައްސަލައެއް ބަލާފައި ނުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ އުސޫލުން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުގައި ކޮންމެ މީހަކު ވެސް ހައްޔަރު ކޮށްފައި ވަނީ ޝަރުއީ މަރުހަލާއިން ނިންމަން ޖެހޭ ނިންމުންތައް ނިންމުމަށް ފަހު ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް ޕީޕީއެމްގެ ސަރުކާރުގައި މައްސަލަތައް ބަލާފައި ހުންނާނީ ގާނޫނީ އިމުގެ ތެރެއިން. އެއްވެސް ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ ޕީޕީއެމްގެ ސަރުކާރުގައި ކޯޓް އަމުރެއް ނެތި މީހަކު ހިފާ ހައްޔަރުކުރި ވާހަކައެއް. އެކަން ކޮށްފައެއް ނޯންނާނެ. ކުރި މީހަކު ވިއްޔާ ކޮށްފައި އޮންނާނީ ޝަރުއީ މަރުހަލާތައް ފުރިހަމަ ކުުރުމަށްފަހު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޕީޕީއެމްގެ ސަރުކާރުގައި މައްސަލަތައް ބަލާފައި ހުންނާނީ ގާނޫނީ އިމުގެ ތެރެއިން. އެއްވެސް ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ ޕީޕީއެމްގެ ސަރުކާރުގައި ކޯޓް އަމުރެއް ނެތި މީހަކު ހިފާ ހައްޔަރުކުރި ވާހަކައެއް. އެކަން ކޮށްފައެއް ނޯންނާނެ. ކުރި މީހަކު ވިއްޔާ ކޮށްފައި އޮންނާނީ ޝަރުއީ މަރުހަލާތައް ފުރިހަމަ ކުުރުމަށްފަހު
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް

ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރަކީ ރާއްޖޭގައި ގިނަ އަދަދަކަށް ސިޔާސީ ބޭފުޅުން ހައްޔަރު ކޮށްފައިވާ އަހަރުތަކެކެވެ. އެގޮތުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އާއި ގާސިމް އިބްރާހިމާއި ރައީސް މުހައްމަދު ނަޝީދު އާއި އިމްރާން އަބްދުﷲ ވެސް ހައްޔަރު ކޮށްފައި ވެއެވެ. އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުވެސް ހައްޔަރުކޮށް ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި އެވެ. އަދި މަޖިލީހުގެ އެތައް މެންބަރުންނެއް ވެސް ހުކުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބެން ޖެހުނެވެ. މީގެ އިތުުރުން ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ވެސް ހައްޔަރު ކޮށްފައި ވެއެވެ.

ސިޔާސީ ގިނަ ބޭފުޅުން މިނިވަން ކޮށްފައި ވަނީ 2018ގެ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާއި ގުޅިގެން ކޯޓުތަކުންނެވެ.