މި ސަރުކާރުން ޖުޑިޝަރީއަށް ބަދަލުތައް ގެނައީ ވަކިބަޔަކަށް އަމާޒުކޮށްގެންކަން، ރާއްޖޭގެ އޮޕޮޒިޝަން ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހައި ކޯޓުން ކުރި ހުކުމާ ހަމައިން ސާފު ވެފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅު ވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވީ "ރައީސް ޔާމީނަށް ހައިކޯޓުން ކުރި ހުކުމުން އެނގުނީ ޖުޑިޝަރީއަށް ސަރުކާރުން ބަދަލު ގެނައީ ސީދާ ވަކިބަޔަކަށް ޓާގެޓް ކޮށްގެންކަން." ކަމަށެވެ، އަދު ރާއްޖޭގައި އޮތް ޒަމާންވީ އެ ސަގާފަތް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ވެފައި ވަނީ ބޮޑު އޮޅުވާލުމަކަށް ކަމަށެވެ.
"އިންސާފު ނުދިނުން އެންމެ ބޮޑު އަނިޔާ، މިކަމުގެ ހިތި މި ބޭފުޅުން ވެސް ދެކޭނެ،" ޖަމީލް ވިދާޅުވި އެވެ.
މީގެ ކުރީ ޖަމީލް ވިދާޅުވެފައިވާ ގޮތުގައި މިހާރު ގެނެސްފައިވާ އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒު ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަަމަށެވެ.
މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. އެ ހުކުމް އެޕީލް މަރުހަލާގައި ހައިކޯޓަށް ގެންދިއުމުން ގިނަ ދުވަސްތަކެއް ވުމަށް ފަހު ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ. އަދި އެ ހުކުމުގައި ރައުޔު ތަފާތުވެ ރައީސް ޔާމީން ކުށްވެރި ނުވާ ކަމަށް ވިދާޅުވި ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ވަނީ ބަލަން ފަށާފައިވާ ކަމަށް ވެއެވެ.
އެ ޝަރީއަތާއި ހައިކޯޓްގެ ހުކުމާމެދު އިދިކޮޅުން ހިތްހަމަ ނުޖެހެ އެވެ. އެ ހުކުމާ ދެކޮޅު ހެދުމުގެ ގޮތުން ވަނީ ސީދާ ހަރަކާތަށް ދާން ކޮންގްރެސް ޕާޓީ އާއި ޕީޕީއެމުން ނިންމާފަ އެވެ.