ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޔާމީން ގަބޫލު ކުރައްވަނީ އިންސާފު ނުލިބުނީ ނަޝީދުގެ ސަބަބުން ކަމަށް

Oct 14, 2020
4

ކްރިމިނަލް ކޯޓުގައި ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބުނީ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ނުފޫޒު އޮތް ޖޭއެސްސީއެއް އޮތުމުން ކަމަށް ރައީސް ޔާމީން ދެކެ ވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް އެހެން ވިދާޅުވީ ޖޭއެސްސީގައި ރައީސް ނަޝީދު އިންނެވުމަށް ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ޖަމީލް މިއަދު ވިދާޅުވީ ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަތައް ކަމަށެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅު ވަނީ ޑިފެކްޓޯ ޗީފް ޖަސްޓިސްއަކަށްވެ ވަޑައިގަތުމަށްތޯ ވެސް ޖަމީލް ސުވާލު ކުރެއްވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅުވައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުގައި އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދާއި މިހާރު މިއޮތް ސަރުކާރުގެ ނުފޫޒު އޮތް ޖޭއެސްސީ ކަމަށް މިވަގުތު ޖަލުގައި ހުންނެވި ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށާއި ޖޭއެސްސީން ފާޅުގައި ރައީސް ޔާމީންގެ ޝަކުވާތަކަށް ހުރަސް އަޅާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ޖޭއެސްސީ ގައި އިނުމަކީ ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާނެ ގޮތެއް ކަމަށް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި ނަޝީދު އިންނަވާ ނަމަ ރައީސް ޔާމީނަށް އިންސާފު ނުލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނިކޮށެވެ. އަދި މިއަދު މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ރައީސް ޔާމީނަށް ލިބޭނެ އިންސާފެއް ނޯންނާނެ ކަމަށެވެ.

"ކާމިޔާބުކަމާ އެކީގައި ފަސް އަހަރު ރައްޔިތުންނަށް ހިދުމަތްކޮށް ދިނީމާ އިންނަންޖެހޭ ތަނެއް ނޫން ޖަލަކީ. އަޅުގަނޑު މި ގޮވާލަނީ އިންސާފު ގާއިމު ކޮށް ދިނުމަށްޓަކައި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް. މަނިކުފާނު [ރައީސް ނަޝީދު] ޖޭއެސްސީން އިސްތިއުފާ ދެއްވުމަށް" ސައީދު ވިދާޅުވި އެވެ.

ސައީދުގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އަދުލު އިންސާފުން ރާއްޖޭގައި ޝަރީއަތް ނުކުރެވޭނަމަ، ކުރީގެ ލީޑަރުންނަށް ލިބޭ އަނިޔާތަކަކީ އެމަނިކުފާނު ވަރަށް ގާތުން ތަހައްމަލު ކުރައްވާފައިވާ ކަންކަން ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އަޅުގަނޑު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މި ދަންނަވަނީ. ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއެކީގައި ޝަރީއަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެ،" ނަޝީދު ވިދާޅުވި އެވެ.