ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ޖޭއެސްސީ އޮތީ ކަފުންކޮށްފަ، ދެން އޮތީ މޫނު އެޅުން"

Jan 29, 2022
2

އެމްޑީޕީގެ ސަރުކާރު އައިސް ރާއްޖޭގެ އިންސާފުގެ ނިޒާމް އިސްލާހު ކުރާނެ ކަމަށް ބުނި ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ އެމްޑީޕީގެ އަތްދަށުގައި ކަފުންކޮށްފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭނަށް އެދާއިރާއަށް ވަޑައިގެން ރޭ ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ޖޭއެސްސީ އިސްލާހު ކުރަން އެތައް ފަހަރަކު މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކޮންމެ ފަހަރަކު އެކަން ހުއްޓުވަނީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް އަތް ބޭނުމަށް ކަމަށެވެ.

ޖަމީލް ވިދާޅުވީ ޖޭއެސްސީ ތެރޭގައި އެމްޑީޕީގެ ބޮޑު ކިއްލާއެއް ހަދައިގެން އެތަން ކަފުންކުރުމަށްފަހު ދެން އޮތީ އެތަނުގައި މޫނު އެޅުން ކަމަށެވެ. މިސަރުކާރަށް ޖޭއެސްސީ އިސްލާހު ނުވެގެން އުޅެނީ ހަމަ އެންމެ ސަބަބަކަށްޓަކާ ކަމަށާއި، އެ ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލައި ހުކުމް ކުރުމަށް ކަމަށެވެ.

ހަމައެޔާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަން ކުރައްވަމުން އަންނަ ގޮތަށް ވެސް ފާޑުވިދާޅުވި އެވެ. އެގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުވާ އުފުލައިފައިވާއިރު، މިނިސްޓަރު ރަށްރަށަށް ވަޑައިގެން ރިބަން ކަނޑަމުން ދާތީ އެކަމަށް ފާޑުވިދާޅުވި އެވެ. މަހުލޫފަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ސަރުކާރަށް ފާޑުވިދާޅުވި އެވެ.

"ދުވަސްކޮޅަކުން ޔޫތު މިނިސްޓަރު ވަޒީރުންގެ މަޖިލީހަށް ވަޑައިގެންފާނެ ޖަލުގަ ހުންނަވައިގެން ވެސް. އެވަރުވެފަ އޮތްތަން މިފެންނަނީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ވަޑައިގަތުމުން، ޖޭއެސްސީ އިސްލާހު ނުވެގެން އުޅެނީ މަޖިލީހަށް ކޮން މެޖޯރިޓީއެއް ނުލިބެގެންތޯ ރައްޔިތުން އަހަން ޖެހޭނެ ކަމަށެވެ. އެތަން އިސްލާހު ނުކުރެވިގެން އުޅޭ ސަބަބު އެ ދާއިރާގެ ރައްޔިތުން އަހާ ސާފުކުރުމަށް ޖަމީލް ވަނީ ގޮވައިލައްވާފަ އެވެ.

މީގެ އިތުރުން ރައީސް ޔާމީން އަކީ އެތައް ރައްޔިތުންނެއްގެ ހައްގަކާ ގުޅިފައިވާ ބޭފުޅަކަށްވާއިރު، ފުލުސް އިދާރާއިން ވަކި ތީމެއް ނަގައިގެން މައްސަލަތައް ތަހުގީގުކޮށް ދައުވާ އުފުލައިގެން، ކޯޓަށް ނުފޫޒު ފޯރުވައިގެން އެމަނިކުފާނަށް ކުރާނެ ހުކުމް ލިޔަނީ ވެސް އެމްޑީޕީން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ބަންޑާރަ ހެކިން އުފައްދާ ހަގީގަތެއް ނެތް އެއްޗެއް ތަހުގީގުކޮށް އެތައް ރައްޔިތުންނެއްގެ ހައްގަކާ ގުޅިފަހުރި ރައީސެއްގެ ވާހަކަ މިދައްކަނީ. އިދިކޮޅު ލީޑަރު. ގާނޫނު އަސާސީއަކުން ސިޔާސީ ޕާޓީއަކަށް އެބަ ދޭ ހައްގުތަކެއް. އެތަނަށް ދޭ ބަޖެޓެއް އެބަ އޮވޭ. އެތަން ހިންގުމަށް ގާނޫނު އަސާސީން މަގުފަހިކޮށްދޭ. ގާނޫނުތަކެއް ހެދިފަ އެބަ އޮވޭ. އެހެންވީމާ އެމީހާގެ [ރައީސް ޔާމީން] ކޮނޑުގަ އެބަ އޮވޭ ވަރަށް ގިނަ ބައެއްގެ ހައްގުތަކެއް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލްގެ ވާހަކަފުޅުގައި ފަނޑިޔާރުން އަމަލުކުރަމުން އަންނަ ގޮތަށް ވެސް ފަޑުވިދާޅުވި އެވެ. އެގޮތުން އެބޭފުޅުން އެމްޑީޕީ ދެކެ ބިރު ގަންނަ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރެވޭނެ ކަމަށް ކޯޓުން ބުނުމުން އެކަމަށް ވެސް ފާޑޫވިދާޅުވި އެވެ.