ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އަބްދުﷲ ޔާމީން

ކޮވިޑާ ގުޅުވައި ތަފާތު ކުރާތީ ޔާމީންގެ ޝަކުވާ

ކޮވިޑް-19 އާއި ގުޅުވައި ކްރިމިނަލް ކޯޓުގައި ހިންގާ މައްސަލަތައް ތަފާތު ކުރާތީ އެކަމާ ގުޅިގެން އިޖުރާއީ މައްސަލަތަކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިއަދުގެ އަޑުއެހުމުގައި ހުށަހަޅުއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެކެވެ. އެމަނިކުފާނުގެ މައްޗަށް އުފުލައިފައި ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ޔާމީންގެ ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އިޖުރާއީ ގޮތުން މައްސަލަތަކެއް ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ކޮވިޑާ ގުޅިގެން ކުރިއަށް ނުގެންދިއުމަށް ކޯޓުން ނިންމާފައި ވާއިރު، ދެން ހުރި މައްސަލަތަކުގައި ހުރިހާ ފަރާތެއް ހާޒިރު ކޮށްގެން ކުރިއަށް ގެންދަނީ ކީއްވެގެންތޯ އެއްސެވި އެވެ. އަދި އެކަމަށް ދައުލަތުން އިއުތިރާޒް ނުކުރަނީ ކީއްވެގެންތޯ ވެސް އެއްސެވި އެވެ.

ކޮވިޑް ނިމެންދެން މި މައްސަލަ މަޑުޖައްސައި ދެއްވުމަށް ވެސް އެދިވަޑައިގަތެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބައެއް ވަކީލުންގެ އާލާސްކަންފުޅާ ހެދި އަޑުއެހުމުގައި ބައިވެރިވެވަޑައިނުގެންނެވޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ގާނޫނީ މައްސަލަތައްތައް ކުރެއްވުމަށް ދަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދައުލަތުން ބުނެފައި ވަނީ މަރުގެ މައްސަލަތަކާއި ކޮރަޕްޝަންފަދަ ބޮޑެތި ހުރިހާ މައްސަލަތައް މަޑުޖައްސަލައި ނުލައި ކުރިއަށް ގެންދިއުމަށް ދައުލަތުން އެދޭ ކަމަށެވެ.

މިކަމާ ގުޅިގެން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މިނިސްޓަރު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މަޑުޖައްސައިލަން ގާޒީންގެ މަޖިލީހުން ނިންމާފައި ނުވާނެ ކަމަށެވެ. އެކަމަކު މައްސަލަ ޝެޑިއުލް ކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ އެ މައްސަލައެއް ބައްލަވާ ގާޒީއަށް ކަމަށާއި، ދެން ތިބި ގާޒީންނަށް އެކަމުގައި ބަސް ވިދާޅުނުވެވޭނެ ކަމަށެވެ. ވަކި މައްސަލައަކަށް ވީތީ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ޖަމީލް ވަނީ އިތުރު ކަމެއް ވެސް ފާހަގަކުރައްވާފަ އެވެ. އެއީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރައީސް ޔާމީންއާ ގުޅުވައިގެން ދެއްކެވި ވާހަކަތަކެކެވެ. ރޯދައަށް ހަނދު ބަލާއިރު ރައީސް ޔާމީން އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެފައިވާ ވާހަކަތަކެވެ.

އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެންނަވަމުން ޖަމީލް ވިދާޅުވީ އެއްވެސް ކުންފުންޏަކަށް އަދި ކުންފުނީގެ ބޭފުޅަކަށް ވެސް ކޯޓުގެ ބޭރުން ކޯޓުގެ ހުރުމަތްކެނޑޭ ފަދަ އަމަލެއް ނުހިންގޭނެ ކަމަށެވެ. އެގޮތަށް ކަން ކުރާނަމަ ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަމްރުގެ އެވާހަކަފުޅުން ސީދާ ރައީސް ޔާމީންގެ މި މައްސަލައަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިސް ގާޒީ ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް ޝަރީއަތަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އެއްވެސް ފަރާތަކުން އެގޮތަށް ދައްކާ ވާހަކައަކަށް ކޯޓުން ނުބަލާނެ ކަމަށެވެ.

މިނިސްޓަރު މަހުލޫފުގެ މައްސަލައިގައި ކޯޓުން ނިންމާފައި ވަނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއް ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދަން ނިންމާފައި ވާތީ ކޮވިޑްގެ ހާލަތު ނިމެންދެން އަޑުއެހުންތައް މަޑު ޖައްސައިލުމަށެވެ.

މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވީ ނަމަވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މަހުލޫފު ގެންދަވަނީ ރަސްމީ ދަތުރުތަކުގައި އެކި ކަންކަމަށް އަތޮޅުތެރެއަށް ދަތުރުކުރައްވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ވެސް މަހުލޫފު އަންނަނީ ބައެއް ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.