އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލާގައި އާ ހެކި ހުށަހެޅުމަށް ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދައުލަތުންވެސް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ ގެ މައްޗަށެވެ.
ފުއްގިރީގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދެވި އެ ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް މައްސަލަ އިން ވަނީ ތަނާޒުލްވެވަޑައިގެންފަ އެވެ.
މައްސަލަ މިހާރު ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އެވެ. މިއަދުގެ އަޑުއެހުމަކީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވި ފަހުން ބޭއްވި ފުރަތަމަ އަޑު އެހުމެވެ.
ފުއްގިރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުލަތުން ވަނީ ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ އޮގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރްޕީ) އިން ޝާއިއުކުރި ރިޕޯޓާ ގުޅިގެން ހޯދި އާ ހެކިތައް ހުށަހެޅުމަށް ފުރުސަތަކަށް އެދިފަ އެވެ.
ދައުވާ ރައްދުވާ ކުރީގެ ރައީސް ޔާމީންގެ ވަކީލުން ވަނީ ޔާމީންގެ ފަރާތުން އާ ހެކިތަކެއް މިއަދު ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ ހެކި ހުށަހަޅަން ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. ދައުލަތުގެ ހެކިތައް ދިރާސާކޮށް ދިފާއުގައި އާ ހެކި ހުށަހަޅަން ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާގެ ވަކީލުންވެސް އެދުނެވެ.
އާ ހެކިތައް ހުށަހެޅުމުން އެ ހެކިތައް ބަލައިގަތުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ނަދީމު މިއަދު ވިދާޅުވި އެވެ.
ފުއްގިރީގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ނަދީމްއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބުގެ ކުރީގެ ވަކީލެކެވެ. ކްރިމިނަލް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ފުއްގިރީގެ މައްސަލައިން ފަނޑިޔާރު ނަދީމް ތަނާޒުލްވުމަށް ހުށަހަޅުއްވާފަ އެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީ ލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.
ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.