ރައީސް ޔާމީންގެ ޝަރީއަތް

އާރަށު މުއާމަލާތް ކަމަށް ބުނާ ފައިސާ އުފުލީ އަޅުގަނޑު: ނަރީޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްއާއި ދެމެދު ހިނގާފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށާއި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ކަމަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އެކަމަކު އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައުވާ ލިބޭ ދެ ފަރާތުން ވެސް ކޯޓުގައި ބުނެފައިވެ އެވެ. އެކަން ސާބިތުކުރުމަށް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ދިފާއީ ހެކި، ނަރީޝް ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

"އެއްދުވަހު ރައީސް ޔާމީން އަޅުގަނޑަށް ގުޅުއްވާފަ ދެންނެވީ ނަރީޝްއޭ ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެއޭ ގަލޮޅު ދޫވެއްސަށް ޖައްސާލަ ދެވިދާނެހޭ. އަޅުގަނޑު ދިޔައިން ގަލޮޅު ދޫވެއްސަށް. ރައީސް ޔާމީންގެ އަރިހުގައި ދެންނެވިން ކޮންކަމަކާތޯ ބޮޑުކަމެއް ޖެހިގެން ތިއުޅެނީ. [ޔާމީން] ދެންނެވީ ޔޫސުފް ނައީމް އަތުން ޑޮލަރުތަކެއް ބައްލަވައިގެންފައޭ ވަނީ. އެޔަށްވާ ދިވެހި ފައިސާ އެބަޖެހެޔޭ ޔޫސުފް ނައީމާ ހަވާލުކުރަން. އެކަން އެބަޖެހެޔޭ ތިމަންނާއަށް ކޮށްދެއްވަން،" ނަރީޝް ވިދާޅުވި އެވެ.

ނައީޝް ވިދާޅުވީ އެވަގުތު އެ ފައިސާ އޭނާގެ އިތުރުން ޔާމީންގެ ޑްރައިވަރު، އަބްދުﷲ ރަޝީދު ގުނި ކަމަށެވެ. ޑޮލަރު ބައްލަވައިގަތް ކަމުގެ ލިޔުމުގައި ޔާމީން އެވަގުތު ސޮއިކުރެއްވި ކަމަށާއި އެއީ 15،420000 (ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިހާސް) ރުފިޔާ ކަމަށެވެ. އެފައިސާ ހުރީ އެގޭގެ ސިޓީން ރޫމުގައި ކަމަށާއި އެ ފައިސާ އުފުލީ ދެ ދަބަހެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

ފައިސާ ހިފައިގެން ދިޔައީ ޔޫސުފް ނައީމް ދިރިއުޅޭ ގެއަށް ކަމަށާއި، އެމީހުން ކުރިމަތީގައި ޔޫސުފް ނައީމް އެ ފައިސާ ގުނި ކަމަށްވެސް ނަރީޝް ވިދާޅުވެފައިވެ އެވެ.

ނަރީޝް އިތުރަށް ވިދާޅުވީ މި ނޫނަސް ޔާމީން އެދިވަޑައިގެންނެވުމުން މީހުންނަށް ފައިސާ ހަވާލުކުރަން ގޮސްދީފައި ހުންނާނެ ކަމަށެވެ. ދައުލަތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވީ މިފަދަ ބޮޑެތި މުއާމަލާތްތަކުގައި ޔާމީން އޭނާއަށް ގުޅުއްވަނީ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނާއި އަދި އިތުބާރު ކުރައްވާތީ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ގިނަ ސުވާލުތަކަކަށް ދިފާއުން ވަނީ އިއުތިރާޒްކޮށްފަ އެވެ. އެގޮތުން ޔާމީނަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ މީހެއްތޯ އާއި އެފަދަ މުއާމަލާތްތައް ހިންގަނީ އެމްއެމްއޭގެ ވަކި ހުއްދައެއް ނަގައިގެންތޯ ފަދަ ސުވާލުތައް ކުރުމުން ދިފާއުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. އަދި ތަހުގީގު މަރުހަލާގައި ފުލުހަށް ހާޒިރުވެ އެ މައުލޫމާތުތައް ނުދިނީ ކީއްވެގެންތޯ އާއި ޔާމީން އެ ފައިސާ ހޯދީ ކޮން ގޮތަކަށްތޯ ދައުލަތުން ސުވާލުކުރުމުން ވެސް ދިފާއުން އެކަމަށް ހުރަސް އެޅި އެވެ.

ނަރީޝްގެ ހެކިބަސް ނަގައި ނިމުމުން އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވެފައިވަނީ މާދަމާ ވެސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ތިން ހެއްކެއްގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ. އެހެންވެ މިމަހުގެ 25 އަދި 29 ވަނަ ދުވަހަށް ވެސް އަޑުއެހުންތަކެއް ވަނީ ތާވަލުކޮށްފަ އެވެ.