ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މުގުލުގައި ތިއްބެވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ނެގުން މާދަމާއަށް ތާވަލުކޮށްފި އެވެ.
އާރަށު މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
މީގެ ކުރީގެ އަޑުއެހުމެއްގައި ޒިޔަތުގެ ހެކިބަސް ނަގަން އަޑުއެހުމެއް ބޭއްވި ނަމަވެސް، ދައުވާ ލިބޭ ފަރާތްތަކުން އެދިގެން އަދީބު އަދި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ނިންމަވާފަ އެވެ.
ދިފާއުން ބުނެފައި ވަނީ ޒިޔަތާއި އަދީބަކީ މި މައްސަލައިގައި އެއްކަމަކާ ގުޅިގެން ހެކިބަސް ދޭ ދެ ފަރާތް ކަމަށްވެފައި، އެއް ބޭފުޅެއްގެ ހެކިބަސް ކުރިން ނަގައިފިނަމަ އަނެއް ބޭފުޅާގެ ހެކިބަސް އެގޮތަށް ބައްޓަށް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މި ދެބޭފުޅުންގެ ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ސަބަބަކަށް ކޯޓުން ބުނެފައިވަނީ ޝަރީއަތް ކުރާ މާލަމަށް ފެނުގެ އަސަރުކޮށް، ސީލިންގުން ފެން ވެހެމުންދާތީ އެތަނުގައި ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެ އަޑުއެހުން މާދަމާއަށް ތާވަލުކޮށް ބުދަ ދުވަހަށްވެސް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
މި ދެބޭފުޅުންގެ ހެކިބަސް ނެގުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހަށެވެ. އެކަމަކު އެދުވަހު ގާޒީ ޗުއްޓީގައި ހުންނެވުމުން އަޑުއެހުން ކެންސަލް ކުރީ އެވެ.