ރައީސް ޔާމީންގެ ޝަރީއަތް

އާރަށު މައްސަލަ: ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި މީހާގެ ހެކިބަސް ނަގައިފި

ވ. އާރަށު މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި ފުލުސް އޮފިސަރުގެ ހެކިބަސް މިއަދު ނަގައިފި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ފަށައިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެދުވަހު އެއް ހެކިވެރިޔެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ. މި މައްސަލައާއި ގުޅިގެން ދެވަނަ ފަރާތެއްގެ ގޮތުގައި މިއަދު ހެކިބަސް ދީފައި ވަނީ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކޮށް ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި އޮފިސަރު އިބްރާހިމް ޒުބައިރު އެވެ.

އޭނާ މިއަދު ކޯޓުގައި ހެކިބަސް ދެމުން ބުނެފައި ވަނީ އެ ލެޕްޓޮޕް ތަހުލީލުކޮށްފައި ވަނީ އިންވެސްޓިގޭޝަން އޮފިސަރު އެދިގެން ވަކި ނަންބަރުތަކަކާއި މުއާމަލާތް ކޮށްފައިވޭތޯ ބެލުމުގެ ގޮތުން ކަމަށެވެ. އެގޮތުން ޒިޔަތުގެ ފޯނު ނަންބަރުން ސެޓްއަޕް ހަދާފައިވާ ވައިބާ އިން އެހެން ފޯނު ނަންބަރުތަކަކާ މުއާމަލާތް ކޮށްފައިވޭތޯ ބަލާފައިވާ ކަމަށް އެ އޮފިސަރު ވަނީ ބުނެފަ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުން ފެށިގެން ފެށިގެން ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހާ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކުގެ ޑޭޓާ ނަގައިފައި ވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެކަމަކު ޒިޔަތުގެ ލެޕްޓޮޕުން ހޯދާފައި ވަނީ ކޮން ބަޔަކާ ކޮށްފައިވާ މުއާމަލާތްތަކެއް ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ޒުބައިރު ބުނެފައި ވަނީ ހަމައެކަނި ބަލާފައި ވާނީ ރިކުއެސްޓްކޮށްފައިވާ ނަންބަރުތަކާއި މުއާމަލާތް ކޮށްފައިވޭތޯ ކަމަށާއި އެ ނަންބަރުތައް ނިސްބަތްވާ މީހުން ނޭންގޭ ކަމަށެވެ.

އެ ލެޕްޓޮޕުން ހަތަރު ނަންބަރެއްގެ މުއާމަލާތް ތަކެއްގެ ޑޭޓާ ނަގާފައިވާއިރު އޭގެ ތެރޭގައި ދައުވާ ލިބޭ ޔޫސުފް ނައީމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަންބަރާއި ޒިޔަތު ކޮށްފައިވާ މުއާމަލާތްތައް ހިމެނެ އެވެ.

މި ހެކިވެރިޔާއާ ވެސް ދިފާއުން ބޮޑަށް ސުވާލުކޮށްފައި ވަނީ ލެޕްޓޮޕް ތަހުލީލުކުރި ގޮތާއި ބޭނުންކުރި އުކުޅުތަކާއި އަދި ހެކިވެރިޔާގެ ތައުލީމާ ގުޅޭ ގޮތުންނެވެ.

ދެން މި މައްސަލައިގައި ހެކިބަސް ނެގުމުގެ މަޖިލީހެއް އޮންނާނީ މިމަހުގެ 26 ވަަނަ ދުވަހު އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ އަދީބާއި ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އަދީބަށް ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރާއިރު ޒިޔަތަށް 700 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ދައުލަތުން ކުރެ އެވެ. ނަަމަވެސް އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ދައުލަތާއެކު އެއްބަސްވުމެއް ހައްދަވައިގެން ގޭގަ އެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް އިއްވި ހުކުމަކީވެސް ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ތެރެއިން އިއްވުނު ހުކުމެކެވެ.