ކްރިމިނަލް ކޯޓް

ޒިޔަތާއި އަދީބުގެ ހެކިބަސް ނެގުން އެއް ދުވަހަކަށް

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މުގުލުގައި ތިއްބެވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ދިފާއުން އެދިގެން އެއް ދުވަހު ނެގުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އާރަށު މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން އެއް ހެކިވެރިޔަކާ ސުވާލުކުރުމަށް ގިނަ ވަގުތު ދާތީ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ކޮންމެ ދުވަހަކު ވެސް އެއް ހެކިވެރިޔެއްގެ ހެކިބަސް ނެގުމަށް ނިންމާފަ އެވެ. މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

އެކަމަކު މި މައްސަލައިގައި ދެން ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވަނީ އެކަމަށް އިއުތިރާޒްކޮށްފަ އެވެ.

އޭނާ ވިދާޅުވީ ޒިޔަތާއި އަދީބަކީ މި މައްސަލައިގައި އެއްކަމަކާ ގުޅިގެން ހެކިބަސް ދޭ ދެ ފަރާތް ކަމަށްވެފައި، އެއް ބޭފުޅެއްގެ ހެކިބަސް ކުރިން ނަގައިފިނަމަ އަނެއް ބޭފުޅާގެ ހެކިބަސް އެގޮތަށް ބައްޓަށް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދާ ޝަރީއަތަށްވާއިރު، އަދީބަށް ނުފެންނާނެހެން އަދީބުގެ ހެކިބަސް ނެގޭނެ ގޮތެއް އިންތިޒާމް ކޮށްދެއްވުމަށް ހަމްޒާ ވަނީ އެދިވަޑައިގެންފަ އެވެ.

މި ދެބޭފުޅުން އެއް ދުވަހަކަށް ހެކިބަސް ދިނުމަށް ހަމަޖައްސައި، އެއްބޭފުޅަކު ހެކިބަސް ދޭއިރު އަނެއް ބޭފުޅަކު ކޯޓުގައި ބަންދުކޮށްފައި ބެހެއްޓުމަށްވެސް ހަމްޒާ ވަނީ އެދިވަޑައިގެންފަ އެވެ. މިގޮތަކީ ބޭރުގެ ގައުމުތަކުގައި ވެސް ބަލައިގަންނަ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ޔާމީންގެ ދިފާއީ ވަކީލުންވެސް އެކަމަށް ވަނީ ތާއީދު ކުރައްވާފަ އެވެ. ދައުލަތުން ވެސް އެކަމަށް އިއުތިރާޒެއް ނުކުރެ އެވެ. އެކަމަކު އެކަން ކުރިން ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި މިއަދު އަދީބު ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށާއި އަދީބު ހާޒިރުކުރަން ކުރިޔާލާ ދައުލަތުގެ އެހެން މުއައްސަސާތަކަށް އަންގަން ޖެހޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދެފަރާތުގެ ވާހަކަތައް އެއްސުވުމަށްފަހު ގާޒީ ނިންމެވީ ޒިޔަތާއި އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށެވެ. އެގޮތުން މިމަހުގެ 30 ވަނަ ދުވަހު ތާވަލުކޮށްފައިވާ އަޑުއެހުމުގައި މި ދެ ބޭފުޅުން ހެކިބަސް ނަގާނެ ކަމަށް ގާޒީ އިއުލާނު ކުރެއްވި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.