ރައީސް ޔާމީންގެ ޝަރީއަތް

އާރަށު މުއާމަލާތް ހިންގީ ޔާމީން އަންގަވައިގެން، މިލިއަން ޑޮލަރު ޔާމީނަށް ދިން: ޒިޔަތު

ވ. އާރަށް ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމަށް ކުއްޔަށް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަންގަވައިގެން ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތާއި ގުޅިގެން ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގައި އެ ދެބޭފުޅުންނާ ދެކޮޅަށް ޒިޔަތު މިއަދު ކޯޓުގައި ވަނީ ހެކިބަސް ދެއްވާފަ އެވެ.

މި މައްސަލައިގައި ހެކިބަސް ދެއްވަމުން ޒިޔަތު ވިދާޅުވީ އެ މުއާމަލާތް ހިންގީ ޔާމީން އެންގެވުމުން ކަމަށެވެ. އެގޮތުން އެކަން ޒިޔަތަށް ޔާމީން އެންގެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު މެދުވެރިކޮށް ކަމަށް ޒިޔަތުގެ ހެކި ބަހުގައި ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޒިޔަތު ވިދާޅުވީ އަދީބާއެކު މަޝްވަރާކުރެއްވުމަށްފަހު އެރަށް ފުރަތަމަ ކުއްޔަށް ދޭން ނިންމީ ފަސް މިލިއަން ޑޮލަރަށް ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ތިން މިލިއަނަށް ކުޑަކޮށް އެގްރިމެންޓްގައި ސޮއިކުރީ ދެ މިލިއަން ޑޮލަރަށް އެރަށް ކުއްޔަށް ދިނުމަށް ކަމަށެވެ.

އެގްރިމެންޓްގައި ސޮއިކުރެއްވުމަށްފަހު ޒިޔަތުގެ އޮފީހަށް ވަޑައިގެން އަދީބުގެ ހާޒިރުގައި، ރައީސް ޔާމީން ވަރަށް އުފާކުރައްވާނެ ކަމަށާއި އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ޒިޔަތު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރަށްތައް ކުއްޔަށް ދޭނެ އުސޫލުތަކަކާއި ފޯމިއުލާތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އާރަށް ކުއްޔަށް ދޭން އެންމެ ފުރަތަމަ އަގު ކަނޑައެޅީ އެ އުސޫލުތަކުގެ ދަށުން ކަމަށްވީނަމަވެސް ރައީސްގެ އެންގެވުމުގެ މަތިން ނުއަގުގައި ރަށް ކުއްޔަށް ދިނީ ކަމަށެވެ.

ދިފާއުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ މި މައްސަލައިގައި ހެކިބަސް ދިނުމާއި ގުޅޭގޮތުން ދައުލަތާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައި ނުވާ ކަމަށާއި އަދި ދައުލަތުގެ ފަރާތުން އެެއްވެސް ލުޔެއް އަދި މަންފާއެއް ވެސް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

ޒިޔަތުގެ އެއްބަސްވުމާ ގުޅޭ ބޮޑު ބަހުސެއް

މިއަދުގެ ޝަރީއަތް ފެށުމުގެ ކުރިން ދިފާއުން ވަނީ ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ހިއްސާކުރުމަށް އެދިފަ އެވެ.

ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވަނީ އޮންލައިން ނޫހެއްގައި ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމާ ގުޅިގެން ޖަހާފައިވާ އާޓިކަލް އަކަށް ރިއާޔަތްކޮށް އިއުތިރާޒެއް ހުށަހަޅާފަ އެވެ.

ހަމްޒާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ދަށުން މީހަކާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދޭނީ ތަހުގީގު މަރުހަލާގައި އޭނާ ކުށަށް އިއުތިރާފްވާ ހާލަތުގައި ކަމަށެވެ. އެކަމަކު ޒިޔަތުގެ މައްސަލައިގައި މި އެއްބަސްވުން ހަދާފައިވަނީ ޝަރީއަތް ފެށި އެތައް މަރުހަލާއެއް ފާއިތުވި ފަހުން ކަމަށެވެ. އެ އާޓިކަލްގައި، މި މައްސަލައިގައި މިހާރު ހިނގަމުންދާ ތަހުގީގުތަކަށް ޒިޔަތު އެއްބާރުލުން ނުދޭ ކަމަށް ލިޔެފައިވާ ކަމަށްވެސް ހަމްޒާ ވަނީ ފާހަގަކުރައްވާފަ އެވެ.

ހަމްޒާ ވިދާޅުވީ އެ އާޓިކަލްގެ ސަބަބުން ދައުލަތާއި ޒިޔަތާއި ދެމެދު ވެފައިވާ އެއްބަސްވުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށާއި، އަދީބާއި ޒިޔަތަކީ އާދަޔާ ހިލާފަށް މަންފާ އާއި ލުއިތަކެއް ލިބެމުން އަންނަ ދެފަރާތް ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެފައިވާއިރު، އެމީހުންގެ އަތުން އެއްވެސް އެސެޓެއް ހޯދަން ދައުލަތުން މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ޒިޔަތާއެކު ދައުލަތުން ހަދާފައިވަނީ ގާނޫނު ނުދަންނަ އާދަޔާ ހިލާފު އެއްބަސްވުމަކަށްވެފައި، މަންފާތަކެއް ލިބޭތީ ހުވައިކޮށްގެންވެސް ދޮގު ހެދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހަމްޒާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ދިފާއަށް އެ އެއްބަސްވުން ހިއްސާ ކުރުމަށްފަހު އެއާ މެދު ޝަރީއަތުގައި ވާހަކަދެއްކުމަށްފަހު އަދީބު އަދި ޒިޔަތާއި ސުވާލުކުރުމަށް ހަމްޒާ އެދިވަޑައިގެންފައިވެ އެވެ. އެގޮތަށް އަމަލުނުކޮށް އެމީހުންގެ ހެކިބަސް ނަގައިފިނަމަ ދައުވާ ލިބޭ މީހުންނާ މެދު ނުބައި ތަސައްވަރެއް އުފެދިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔާމީންގެ ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ. އެކަމަކު ދައުލަތުން ބުނެފައި ވަނީ ނޫހެއްގައި ޝާއިއުކޮށްފައިވާ އާޓިކަލްއަކާއި ގުޅިގެން، އޭގެ ތެދު ދޮގު ނުބަލައި ދިފާއުން ފާހަގަކުރި ގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި ވަކި ހެއްކަކީ ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށް މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.

"އާ ހާލަތެއް މެދުވެރިވެގެން އަދި އާކަމެއް މެދުވެރިވެގެން ނޫން ގޮތަކަށް މިމަރުހަލާގައި ހެއްކަކާ ގުޅިގެން އިއުތިރާޒެއް ނަގައި ހުށަހެޅުމެއް ހުށަހެޅޭ ކަމަށް ދައުލަތަށް ގަބޫލެއް ނުކުރެވޭ،" ދައުލަތުން ބުންޏެވެ.

ދައުލަތުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ޒިޔަތާއެކު ދައުލަތުގެ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ. އަދި ވަކި ލުއިތަކަކާއި ގާނޫނު ނުދަންނަ މަންފާއެއް ވެސް ޒިޔަތަށް ދީފައި ނުވާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދިގު ބަހުސަކަށްފަހު އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށެވެ. ގާޒީ ވިދާޅުވެފައި ވަނީ ޝަރީއަތް ކުރިއަށް ގެންދަނީ ނޫހެއްގައި ޖަހާ އާޓިކަލްއެއް ފޮލޯކޮށްގެން ނޫން ކަމަށާއި އޭގެ ސަބަބުން ޝަރީއަތަށް އެއްވެސް އަސަރެއް ނުފޯރާނެ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްތޯ މި މައްސަލައިގައި ބަލަން ނުޖެހޭނެ ކަމަށާއި ކުރީގައި މައްސަލަތައް ބެއްލެވި ފަނޑިޔާރުން އެކަން ކުރައްވާފައިވާނެ ކަމަށެވެ. އަދި ހެކިވެރިންގެ އަދުލުވެރިކަމާ ގުޅޭގޮތުން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ކަންތައްތަކަށް ރިއާޔަތް ކުރައްވާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ޒިޔަތާ ސުވާލުކުރަން ދިން ފުރުސަތު ޔޫސުފް ނައީމްގެ ފަރާތުން ވަނީ ދޫކޮށްލާފަ އެވެ. ދިފާއީ ވަކީލް ހަމްޒާ ވިދާޅުވީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ނުލިބި، އެއްބަސްވުން ވަންހަނާކޮށްފައިވާތީ މިނިވަންކަމާއެކު ޒިޔަތުގެ ފަރާތުން ޖަވާބު ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޒިޔަތުގެ ހެކިބަހަށްފަހު މިއަދު ދެން އޮންނާނީ އަދީބުގެ ހެކިބަސް ނެގުމެވެ. އަދީބުގެ ހެކިބަސް ނެގުމަށް ކުޑައިރުކޮޅެއް ފަހުން ޝަރީއަތް އަލުން ފަށާނެ އެވެ.