ރައީސް އަބްދުﷲ ޔާމީން

ޔާމީނުގެ އިސްތިއުނާފު މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީގައި

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމްގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީ ނަންގަވައިފި އެވެ.

ވ. އާރަށު މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފު މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއި ހަސަން ޝަފީއު އަދި މުހައްމަދު ސަލީމް އެވެ.

ފަނޑިޔާރު ހުޒައިފާ މިއަދު ހުންނެވީ މެޑިކަލް ޗުއްޓީގައިކަން ހައިކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޗުއްޓީ ފަނޑިޔާރު މުހައްމަދު ސަލީމް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗުއްޓީއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުުން މި މައްސަލައިގެ އަޑުއެހުމެއް މި މަހު ބޭއްވޭނެ ކަމަކަށް ނުބެލެވެ އެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022ގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނީ ހައިކޯޓުން އެ ހުކުމް އިސްތިއުނާފު ކުރުމުންނެވެ.

ވ. އާރަށު މައްސަލައިގައި ފުލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށްލުމަށް ހުކުމްކުރި އެވެ.