ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކާމިޔާބު ލިބުނަސް ޝަރުއީ ދާއިރާގައި ހައްލުކުރަންޖެހޭ މައްސަލަތައް އެބަހުރި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުން ސަލާމަތްވެ މިވަގުތަށް ކާމިޔާބު ލިބުނު ނަމަވެސް، ރާއްޖޭގެ ޝަރުއީ ދާއިރާގައި އިސްލާހުކުރަން ޖެހޭ ބޮޑެތި މައްސަލަތައް އަދިވެސް އެބަހުރި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ލިބުނު ކާމިޔާބީއާއި ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ ބަޔަކު ވޯޓު ދިނީ ވަރަށް ގިނަ ކަންކަން އިސްލާހުކުރާނެ ކަމަށް ވެވަޑައިގަތް ވައުދާ އެކުގައި ކަމަށެވެ. އޭގެ ތެރޭއިން އެންމެ މުހިންމު އެއް ވައުދަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުން ކަމަށެވެ.

މިއަދާ ހަމައަށް ވެސް އެ މަސައްކަތް ކުރެވިފައި ނުވާ ކަމަށާއި، ރައީސް ނަޝީދު އަދި ސިޔާސީ ބޭފުޅުން ކަމުގައިވާ ހިސާން ހުސައިން ފަދަ ބޭފުޅުން އެތަނުގައި ތިއްބެވިހާ ހިނދަކު އެތަން އިސްލާހު ނުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ބަޔަކު ޝަރުއީ ދާއިރާއަށް "އަތްބާނައިގެން" ކޮށްފައިވާ ހުކުމެއްކަން މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުން ސާބިތުވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ލީކުވި އޯޑިއޯތަކާއި ގުޅިގެން އަދިވެސް ޖިނާއީ ތަހުގީގެއް ހިންގިފައި ނުވާ ކަމަށެވެ. މި ސަރުކާރުން އެކަން ނުވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ގާނޫނުން ދީފައި ހުރި ރައްކާތެރިކަން ހޯދަން. އެއްވެސް އިރެއްގައި ރާއްޖޭގެ ކޯޓުތަކަށް އިތުރުބާރު ނުކުރިނީއެއް ނޫން. މި ރާއްޖޭގައި ހުންނަނީ ސަރުކާރުގެ ޕްރޮސިކިއުޓަރެއް. އެއީ ދައުލަތުގެ ޕްރޮސެކިއުޓަރެއް ނޫން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ގާނޫނާ ހިލާފަށް ތަހުގީގެއް ހިންގައި ދައުވާ އުފުލާފައި ވަނީ ސަރުކާރުން އަންގައިގެން ކަމަށެވެ. ސަރުކާރުގެ ފިއްތުންތަކާ ގޮންޖެހުންތަކަށްފަހު މިއަދު ހައްގަށް ނަސްރު ލިބިގެން ހިނގައްޖެ ކަމަށާއި، ދެން ވެސް މަސައްކަތް ކުރައްވާނީ އެފަދައިން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާއިރު އެފަދަ ތުހުމަތު ކުރެވޭ އެތައް ބަޔަކު ސަރުކާރުގެ މަގާމުތަކުގައި ތިބިއިރު އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާކޮށްފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޯޓުން މިއަދު ޔާމީން މިނިވަން ކޮށްފައި ވަނީ ޝައްކެއްގެ މައްޗަށް ދައުވާ ބިނާކޮށްފައި އޮތުމުންނެވެ. އެކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުން އިންސާފުން ބޭރުން ހިންގި ޝަރީއަތަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ބޮއްސުންލައިފައި އޮތް ކަމުގެ ފުރިހަމަ ހެއްކެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން މިއަދު ސަލާމަތްވެފައި ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ގާނޫނީ ޓީމުން ކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ މިހާތަނަށް ކުރެވުނު އެންމެ ބޮޑު ގާނޫނީ މަސައްކަތް ކަން ކަމުގައިވެސް ޖަމީލް ވިދާޅުވި އެވެ.