ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހަކީ އަދުލުގެ ނިޒާމް: ޑރ. ޖަމީލް

ރާއްޖޭގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ގައުމުގައި އޮތް އަދުލުގެ ނިޒާމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. އަހުމަދު ޖަމީލް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ އަދުލުގެ ނިޒާމް ބޮއްސުން ލައިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަދުލުގެ ނިޒާމްގެ ވާހަކަ މިއަދު ދައްކަން ޖެހޭ ބައިވަރު ސަބަބުތައް ހުރިކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަރަށް ބޮޑަށް ބަޔަކު ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ. އެތަނުގައި މިހާރު ތިބީ އެންމެ މިޒަމާނުގެ މުވައްޒަފުން ކަމަށާއި އެމީހުންނަށް މި ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން އިންސާފު ގާއިމް ނުވާނެކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

"ޖޭއެސްސީ މިއަދު ފާހަގަ ކުރެވެނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި. އެތަން ސިފަވަނީ ދަރަންޏަށް ލިޔެފަ ހުކުމް ގެންނަ ތަނެއްގެ ގޮތުގައި،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ، ފެށުނީއްސުރެ ރައީސް ޔާމީންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ހިންގާފައި ވަނީ ގޯސްކޮށް ކަމަށެވެ. އެވާހަކަތައް އޭރު ކޯޓުގައި ވެސް އަދި މިހާރު ވެސް ދައްކަވަމުން އަންނަ ކަމަށެވެ. ކޯޓު މަރުހަލާގައި ބޭނުންވި ލިޔެކިޔުންތައް ހިފަހައްޓައި، ޓީވީއަކަށް އެ މައްސަލައާ ގުޅޭގޮތުން އިންޓަވިއު ދިން ފަނޑިޔާރަކު ހުކުމް ކުރި ބެންޗުގައި ބޭންދުން ގޯހޭ އޭރުވެސް ވިދާޅުވަމުން އައި ކަމަށް ފާހަގަކުރެއްވި އެވެ. އެކަމަކު އޭގެ ސަބަބުން ރައީސް ޔާމީންގެ އެއްވެސް ހައްގެއް ނުގެއްލޭނެ ކަމަށް ދައުލަތުގެ ފަރާތުން ބުނަމުން އައި ނަމަވެސް އެތައް ހައްގެއް ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ، އަދިވެސް ކޯޓަށް ދާން ޖެހޭނެ ކަމަށާއި ދެން ވެސް ދައްކަން ޖެހޭނީ އޭރުވެސް އަދި މިހާރު ވެސް ދައްކާ ވާހަކަތައް ކަމަށެވެ. ކޯޓުތަކަކީ ވަރަށް މުގައްދަސް ތަނެއްކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ ޖޭއެސްސީ އިން ސިޔާސީ މީހުން އެއްފަރާތްކޮށްގެން ނޫނީ އަދުލުގެ ނިޒާމް އިންސާފުވެރިނުވާނެ ކަމަށެވެ.

"ޖޭއެސްސީ އިން ސިޔާސީ މީހުން އެއްފަރާތްވާން ޖެހޭ. ޝަރުއީ ކޯޓުތަކަކީ މަހުޖަނުންގެ ކަސީނޯތަކަކަށް ވެގެން ނުވާނެ. ޝަރުއީ ކޯޓުތަކަކީ ސިޔާސީ މީހުން ބަސް ބުނާ ތަނަކަށް ވެސް ވެގެން ނުވާނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލްގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ޕީޕީއެމް / ޕީއެންސީގެ ލަޝްކަރު އިށީންނާނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވާފައި ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަކީލުންނަށް ވަރަށް ހާއްސަ ޝުކުރު ވަނީ އަދާކުރައްވާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމް ބާތިލްކޮށްފައި ވަނީ ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރާ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމާމެދު ޝައްކު އުފެދިގެންނެވެ. އެ ފައިސާގެ ހަގީގަތް ހޯދުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތަށް އަންގާފަ އެވެ.