ޕީޕީއެމް

ފުލުހުން އަނިޔާވެރިވި މައްސަލަ ބަލަން ގޮވާލައިފި

Jan 27, 2023
1

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތްތަކަށް ސަރުކާރުން އަންގައިގެން ފުލުހުން ހުރަސް އަޅައި ހާލާތައި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވަމުންދާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން އެކަން ކުށްވެރިކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު -- ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ރޭ ބޭއްވި އެއްވުމުގެ ވަކި ހިސާބަކުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލައި ބަޔަކު ހައްޔަރުކޮށްފަ އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އަންގައިގެން ފުލުހުން ރޭ ކުރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މާލޭގައި ރޭ ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން ހަރަކާތުގެ ބައިވެރިންނާ މެދު ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައިވާ ކަމަށެވެ.

"އެގޮތުން ބައިވެރިންގެ ތެރެއަށާއި، ބައިވެރިންގެ ލޮލަށާއި އަނގައާއި ދިމާކޮށް ޕެޕާ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، އެމީހުން ބިންމައްޗަށް ވައްޓާލާ އޮބިއެޅި މަންޒަރުތައްވެސް ވަނީ ފެނިގެން ގޮސްފަ އެވެ. ސަރުކާރާއި ވާދަވެރިންގެ ހަރަކާތްތަކަށް ހުރަސް އަޅާ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމުގެ ޢަމަލުތައް ކުރަމުން ގެންދާއިރު، ދާދި ފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ޙަރަކާތެއްގައި އިބްރާހީމް ރައީސް ވަނީ ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ އިންޒާރު ދެއްވާފައިވާކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

އިދިކޮޅު ބަޔާނުގައި ވަނީ ރައީސް ސޯލިހްގެ އެންގުމަށް ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާވެރިވެ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފަ އެވެ. އަދި ހަރަކާތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.