ޕޮލިޓިކްސް

ބޭހަށް ބޭރަށްދާން ޔާމީން ބޭނުންފުޅެއް ނޫން

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އަދި ބޭނުންފުޅުނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

އެންމެ ފަހުން ބޭއްވި އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތްތަކުގައި ބަލި ހާލަތުގެ ވާހަކަތައް ރައީސް ޔާމީން ވަނީ ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން އޭރު ވިދާޅުވި އެވެ. އަދި އޭރު ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ބަންދުން ދޫވެ، ޝަރީއަތް ކުރިއަށް ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބާރަބަރަށް ޑޮކްޓަރަށް ދައްކަވަމުން ގެންދެވި ކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ. އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ.

މިރޭ ސަންގް ޓީވީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ރައީސް ޔާމީންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެ ވާހަކަ ދޭތެރެ ދޭތެރެއިން ދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިވަގުތު ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ރައީސް ޔާމީންގެ ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ އިނގޭތޯ ރައީސް ޔާމީނަށް ބޭސްފަރުވާ ކުރަން، ޑޮކްޓަރުން ދެއްވާފައިވާ ލިޔުމާ އެއްގޮތަށް. ނަމަވެސް މިވަގުތު އަދި ރައީސް ޔާމީން ބޭނުންފުޅުވެވަޑައެއް ނުގަންނަވާ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާކަށް. އަޅުގަނޑުމެން ދޭތެރެއަކުން އެ ވާހަކަ އެބަ ދައްކަވަން. އެހެންވީމަ ރައީސް ޔާމީންގެ އާއިލާއިން ބޭސްފަރުވާއަށް ވަޑައިގަންނަވަންވީމަ އެކަމަށްޓަކައި ފަހިކޮށްދޭންޖެހޭ ހުރިހާ ފުުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދޭނަން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ރައީސް ޔާމީނަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސައިދީ ފަސޭހަ ކޮށްދީފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުން ޖަލުގައި ތިއްބެވިއިރު ކަންކަން އިންތިޒާމްވެފައިވާ ގޮތާއި މިހާރާ އެތައް ގުނައެއް ރަނގަޅުވާނެ ކަމަށެވެ.

އަދި އިތުރަށްވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށާ ކޮންމެ ދުވަހަކު ސީޕީ މެދުވެރިކޮށް އެ މައުލޫމާތު ހޯއްދަަވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގާނޫނުގެ ދަށުން ކުރެވެން ނެތް ކަންކަން ނުވަތަ ލިބިފައިނުވާ އިހްތިޔާރުތައް ބޭނުންކޮށްގެން އެއްވެސް ކަމެއް ނުކުރެވޭނެ."

މި ޕްރަގްރާމްގައި މިނިސްޓަރު ވަނީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ކުރެއްވި މަޝްވަރާގެ ބައެއް ތަފްސީލްތައްވެސް ހާމަކުރައްވާފައެވެ.

އިމްރާން ވިދާޅުވީ ފެބްރުއަރީ މަހުގެ ތެރޭގައި ޖަލަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް ޔާމީނާ ބައްދަލް ކުރެއްވީ ސަރުކާރުގެ މަންދޫބެއްގެ ހައިސިއްޔަތުން ނޫން ކަމަށެވެ. އެ ބައްދަލްވުމަކީ ހޯމް މިިނިސްޓަރުގެ ހައިސިއްޔަތުން ވަޑައިގެން ކުރެއްވި ބައްދަލްވުމެއް ކަމަށާ އެ ބައްދަލްވުމުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީންގެ ސިއްހި ހާލަތާއި ގުޅޭގޮތުން ޑޮކްޓަރުން ދީފައިވާ ލަފަޔާމެދު އެމަނިކުފާނުގެ މަޝްވަރާ ހޯއްދެވުން ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ރައީސް ޔާމީންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި، ސަރުކާރުގެ ފަރާތުން ކުރެވޭނެ އެންމެ ރަނގަޅަށް ކަންކަން ކޮށްދިނުމަށް."

އިމްރާން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ހާލުކޮޅާއި ރައީސް ޔާމީނަށް ޖަލުގައި ހިދުމަތްތައް ދެވޭ ގޮތާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ވެސް އޮޅުން ފިލުއްވެވި އެވެ. އެކަމަށް އެމަނިކުފާނާއެކު ގާތްގަނޑަކަށް ބައި ގަޑިއިރު ހޭދަކުރެއްވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ނަމަވެސް މީގެ ކުރިން ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނާއެކު ދެއްކެވި ވާހަކަތަކުގެ ތެރޭގައި އެމަނިކުފާނު ވަރަށް ބޮޑަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަންކަން ކުރެއްވި ގޮތްތަކުގެ ވާހަކަ ދެއްކެވި ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ގޮތުން އޭރު އަދީބު ގޯސްކޮށް ކަންކަން ކުރެއްވުމުން އޭގެ ގެއްލުން ދެމުން ދަނީ އެމަނިކުފާނަށް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.

"ރައީސް ޔާމީންގެ އުދާސްތަކާއި ޝަކުވާތައް އަޑުއެއްސެވުމަށް ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު އަޅުގަނޑާއި ކަރެކްޝަންސްގެ ސީޕީ [އަހްމަދު މުހައްމަދުފުޅު] އާއި ދެ މީހުން އެ ތަނުގައި ތިބިން، އޭގެ ތެރެއިން ވަރަށް މުހިއްމު ބައެއް، އަދީބުގެ ވާހަކަ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓު ވަން ދެން ދެއްކެވި. އަދީބު ކޮށްފައި ހުރި ގޯސް ކަންތައްތަކުގެ ވާހަކަ،" އިމްރާން ކުރިން ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބުނާއިރު އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދު އާއިލާ އާއި އެމަނިކުފާނުގެ ގާނޫނީ ޓީމާއި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ގޮވާލާފަ އެވެ.