އިމްރާން އަބްދުﷲ

ޔާމީންގެ ހައްގަކަށް އުނިކަން ލިބޭ ކަމެއް ނުކުރަން: އިމްރާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ހައްގަކަށް އުނިކަން ލިބޭ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހަރަކާތްތައް މިނިސްޓަރު އިމްރާން ބައްލަވާކަމަށް އިދިކޮޅު ޕީޕީއެމުން ރޭ ތުހުމަތުކޮށްފައިވަނިކޮށެވެ.

"ރައީސް ޔާމީންގެ އިންސާނީ އެއްވެސް ހައްގަކާއި ކަރާމާތަކަސް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުގެ ޒަމީރު ތަންދޭ ކަމެއް ނޫން،" މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކަށް ވާނީ ރައީސް ޔާމީންކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އެނގޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޔާމީން ޖަލުގައި ހުންނަވާ ކޮޓަރީގެ ފާހަނާގައިވެސް ކެމެރާ ހަރުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.