ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒުކުރަނީ މާފުށި ޖަލުގައި ހުންނަ ކުރީގެ ރައީސުންނަށް ހާއްސަ ގޮޅީގައި ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ބުނެފި އެވެ.
ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ފާތިމަތު ޔުސްރީން ވިދާޅުވީ ރައީސް ޔާމީން ހުންނަވަނީ ކުރީގެ ރައީސުންނަށް ހާއްސަކޮށްގެން ހަދާފައިވާ ގޮޅީގައި ކަމަށެވެ. އެއީ އެބޭފުޅުންގެ ހައިސިއްޔަތުން ސެކިއުރިޓީ ބޭނުންވާ ބޭފުޅުން ކަމަށްވާތީ ރައީސް ޔާމީން ހުންނަވާ ތަނަކީ ޖަލުގައި ތިބޭ މީހުންނާ ވަކިން އަދި ވީއައިޕީކޮށް ހުންނަ ޖަލުގެ ގޮޅިއެއް ކަމުގައިވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސުންނާ ގުޅޭ ގާނޫނުގައި ލާޒިމްކުރާ ހުރިހާ ހިދުމަތަކާއި ރައްކާތެރިކަމެއް އެތަނުން ލިބެން ހުންނާނެ ކަމަށްވެސް ޔުސްރީން ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ރައީސް ޔާމީންގެ ސަރުކާރުގައި ޖަލަށްލީއިރު ހުންނެވީ މާފުށި ޖަލުގެ ވީއައިޕީ ގޮޅީގަ އެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.
މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒުކުރަމުން ގެންދާއިރު ކްރިމިނަލް ކޯޓުން ކުރި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.