ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމަށް ލުއިތަކެއް ދިނުމަށް އެކުލަވާލާފައިވާ އިގުރާރާ ހިލާފްވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް އިންޒާރު ދީފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައީސް ޔާމީން އާއި އެ އިދާރާއާއި ދެމެދު އެކުލަވާލާފައި އޮތް އިގުރާރާ ހިލާފަށް ރައީސް ޔާމީންގެ އަމަލުތައް ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު ވަނީ އިންޒާރު ދީފައި ކަމަށްވެސް ވިދާޅުވި އެވެ.
"އަދި [ކުށް] ތަކުރާރުކުރާނަމަ އިގުރާރު ބާތިލްކުރެވޭނެ ކަމަށް ވަނީ އެންގިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ޔާމީން ހިލާފުވީ ކަންކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ކަރެކްޝަނުން ދީފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ ހޮނިހިރު ދުވަހު ބަދަލުކުރީ ކުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށްފަހު އެވެ.
ޔާމީނަށް ދިން ލުއިތަކާ އެކު އެމަނިކުފާނު ގެންދަވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެން ޖަލްސާތަކުގައި ވާހަކަދައްކަވަމުންނެވެ. އަދި މީގެ ދެރޭ ކުރިން އެމަނިކުފާނު ވަނީ ނޫސްވެރިޔަކު ކުރި ސުވާލަކަށްވެސް ޖަވާބު ދެއްވާފަ އެވެ. ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނަށް ދިން ލުއީގެ ތެރޭގައި ނޫސްތަކަށް އިންޓަވިއު ދިނުން މަނާކޮށްފައިވެ އެެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މީގެކުރިން އަވަސްއަށް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ބޭސްފަރުވާ ކުރުމަށާއި، ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި ކަރެކްޝަނަށް އެންގުމަށްފަހު ކޮންމެހެން ބައްދަލުކުރުމަށް އެދޭ ފަރަތްތަކާ ބައްދަލުކުރުމުގެ ފުރުސަތުވެސް ފަހުން ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ ދައުލަތުގެ އިދާރާތަކުން އެމަނިކުފާނުގެ މައްސަލަތަކުގައި އަމަލުކުރާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ދައުލަތުގެ ވަކިވަކި އެތައް އިދާރާއެއްގެ ނަން ވިދާޅުވެ އެ އިދާރާތަކަށް ވަރަށް ވަރުގަދައަށް ފާޑުވެސް ވިދާޅުވެފަ އެވެ.