އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި މިވަގުތު ގޭބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަވައިދާ ހިލާފަށް ބައިވެރިވެވަޑައިގެންފައި ނުވާ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު އަވަސް އަށް މިއަދު ވިދާޅުވީ ރައީސް ޔާމީން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެެރިވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާއި ވެސް ހިލާފު ނުވާ ކަމަށެވެ.
"ގޭ ބަންދުގައި ހުންނަވާ ފަރާތަކަށް ވެސް ގޭގެ ދޮރު / ކުޑަދޮރު ހުޅުވާލުމުގެ ހައްގު ލިބިގެންވޭ. އޭގެ މާނައެއް ނޫން ސިޔާސީ ހަރަކާތެއްގައި ބައިވެރިވިއްޔޭ." ޑރ. ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ކަރެކްޝަންސް އަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ދަށުގައިވާ ތަނަކަށް ވާތީ އެ މުއައްސަސާއިން ނެރޭ ބަޔާން ތަކަކީ ސިޔާސީ ނިންމުންތަކެއް ކަމަށެވެ.
އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ޔާމީން ވަނީ ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ، ސަޕޯޓަރުންނަށް އަތްޕުޅުން ހަނައަޅުއްވާ ހިތްވަރު ދެއްވާފަ އެވެ.
ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ. މިއީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރެއްވި ފަހުން މިފަދަ ގޮތަކަށް އިދިކޮޅު އެއްވުމެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅިގެން ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.