ރައީސް އަބްދުﷲ ޔާމީން

ޔާމީން ޖަލުގައި ހުންނަވާތާ 400 ދުވަސް، ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް ޔާމީނަށް ދައުވާކުރީ އެމްޑީޕީ އާއި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކަމަށް ވިދާޅުވެ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 400 ދުވަސްވެފައިވާކަން ފާހަގަކޮށް އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

އެމަނިކުފާނު ޖަލުގައި ހުންނަވާތާ މިއަދަށް 400 ދުވަސްވީއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ދައުވާކުރީ އެމްޑީޕީ އާއި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކަމަށެވެ. އަދި ސަރުކާރުގެ ލާއިންސާނީ އަނިޔާގައި ރައީސް ޔާމީން ޖަލުގައި 400 ދުވަސް ހޭދަކުރައްވައިފި ކަމަށެވެ. ހަސަދަވެރިކަން ހައްދުންނެއްޓި، ދެމުންދާ އަނިޔާ ހުއްޓާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ފަސް އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ،" ފެހި ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ފަސް އަހަރުގެ ވެރިކަމެއް ފުރިހަމަަ ކުރެއްވި ރައީސް ޔާމީން ޖަލުގައި ހުންނެވި ހުންނެވުމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ވަކީލުންގެ ޓީމުންނާއި އިދިކޮޅު ކޯލިޝަނުންވެސް ވަނީ ގޮވާލާފައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލިޔުމެއްވާ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދީފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސްފްރީ މާހައުލެއްގައި ބެހެއްޓުން ކަމަށެވެ. އެ ދެ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ރީޖަންގެ ގައުމުތަކުން ދާން ބޭނުންވާ ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަަށެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.

"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،"

އިމްރާން ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ދެން އިމްރާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމު ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށެވެ.