ރައީސް އަބްދުﷲ ޔާމީން

ޝަރީއަތް މާދަމާ، ވަކީލުންނަށް ބައްދަލެއް ނުވޭ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހަމަހަމަކަމާއި އިންސާފުވެރިކަން އިސް ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

އެ ކޯލިޝަނުން މިއަދު ނެެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ނުވާތާ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު އަދި އެކަން ހަމަނުޖެހި އޮއްވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއްގެ ޝަރީއަތްތައް މާދަމާ ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ވަކީލުންނާއި ބައްދަލު ނުވެ މަސް ދުވަސް ފާއިތުވެފައި ވަނިކޮށް ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލް ކުރުމަކީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން އަމާޒު ކުރެވިގެން ހިންގާ ސިޔާސީ ކަމެއް ކަމަށެވެ.

"... އަދި އެއީ އެމަނިކުފާނަށް އަނިޔާވެރިވުން ކަމުގައި ވެސް މި ކޯލިޝަނަށް ގަބޫލު ކުރެވެއެވެ،"

އަދި ވަކީލުންނާއި ބައްދަލުވުނެ، ހަމަހަމަކާއި އިންސާފުވެރި ކަމާއެކު އެކަށީގެންވާ ފުރުސަތާއި ވަގުތު ދެއްވުމަށް ފަހު ނޫނީ ޝަރީއަތުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ވެސް ވަނީ ގޮވާލާފަ އެވެ. އަދި ރައީސް ޔާމީނާމެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް ވެސް އެ ބަޔާނުގައި ދައުލަތުގެ އިދާރާތަކަށް ގޮވާލާފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލު ކޮށްފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލައިގެ ޝަރީއަތް ފެށުން އާދިއްތަ ދުވަހަށް ތާވަލް ކޮށްފައެވެ. މައްސަލަ ތާވަލް ކޮށްފައިވަނީ ހެނދުނު 10:00 އަށެވެ.

ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.