ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން، ވަކީލުންގެ ހައްގުން މަހުރޫމް ކޮށްފައިވަނީ ހޯމް މިނިސްޓްރީއާއި ކަރެކްޝަންގެ ވެރިން ގަސްތުގައި ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.
ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުއްﷲ ޔާމީން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއް ލިބުމުގެ އަސާސީ ހައްގުން ރައީސް ޔާމީން މަހުރޫމުކޮށްފައިވާ ކަމަށެވެ. އެކަން ކުރަމުންދަނީ ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއްގައި އެކޯޓުގެ ފަރާތުން ދައުލަތުގެ މައްޗަށް ކޮށްފައިވާ އަމުރާ ހިލާފަށްވެސް ވިދާޅުވިއެވެ.
".. އަދި ކުރިމިނަލް ކޯޓުގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރާވެސް ހިލާފަށް. ހައިކޯޓާއި ކުރިމިނަލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރުތައް ތަންފީޒުކުރަންޖެހޭ އިދާރާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް. އަދި އެ އިދާރާގެ ބަލަދުވެރިޔަކީ ހޯމް މިނިސްޓްރީ. އެހެންކަމުން ކޯޓުތަކުގެ އަމުރުތަކާ ހިލާފަށް، ގާނޫނު އަސާސީން ކޮންމެ ދިވެއްސަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމުކޮށްފައިވަނީ މި ދެ މުއައްސަސާއިން ގަސްތުގައި ކަމަށް ދެކެން. އަދި އެއީ އާއިލާއިން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް،"
ދޮށި ދަރިކަލުންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރެއްވި މައްސަލައިގެ އަޑުއެހުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް އަދި އެ މަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި އެ މައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ދަނޑިވަޅެއްގައި އެ މައްސަލަތަކުން ދިފާއުވެވަޑައިގަތުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ވަސީލަތް ކަމަށްވާ ގާނޫނީ ވަކީލުންގެ ހައްގަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ހުރަސްއަޅާފައި ކަމަށެވެ.
އަދިި އިއްޔެ ވަކީލުންގެ ޓީމުން މާފުއްޓަށް ދަތުރުކުރުމުންވެސް، ކަރެކްޝަނަލް ސާވިސް އިން ވަނީ ތަފާތު އެކި ބަހަނާތައް ދައްކައި ކަމާ ގުޅުމެއް ނެތް މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުއްދަ ނުދިން ކަމުގައި ބުނެ ރައީސް ޔާމީންއާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދީ ކަމަށްވެސް ވިދާޅުވިއެވެ.
"ކުށުގެ ތުހުމަތުގައި ބަންދުކުރާ ފަރާތްތަކާއި ގައިދީން ޖަލުތަކަށް ގެނެސްގޮސްދިނުމާއި އެ ފަރާތްތަކާ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަރެކްޝަނަލް ސާވިސްއިން ހަމަޖައްސައިދޭންޖެހޭ ކަމެއް. މި ދެ މުއައްސަސާގެ ބަލަދުވެރިޔަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް. އަދި މިހާތަނަށްވެސް މިކަންކަން ކުރަމުން އައިސްފައިވަނީ މިދެންނެވި އުސޫލުން މި ދެ މުއައްސަސާއިން. ކަންމިހެން އޮވެމެ، ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ތަފާތު އުސޫލެއް ގެންގުޅެ އެ މަނިކުފާނާ ވަކީލުންނަށް ބައްދަލުކުރެއްވޭނީ ކަމާ ނުބެހެވޭ މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނަގައިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާއިމެދު އަނިޔާވެރިވުން ކަމުގައި ދެކެން. އަދި އެއީ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމު ކުރުމަށް ދެއްކި ބަހަނާއެއް. އެއީ އެއްވެސް އަސާސެއް ނެތް ހުއްޖަތެއް،" ޒޭންގެ ބަޔާނުގައި ބުނެފައިވެއެވެ.
އިމްރާނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ
އާއިލާގެ ބަޔާނުގައި ވަނީ މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ދައްކަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށްވެސް ވިދާޅުވެފައެވެ.
އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކަވައި ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގު ފަދަ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަކީ ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކި ފަހަރުމަތިން ވާހަކަދެއްކުމަކީ އާއިލާއިން ކުށްވެރިކުރާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"..އެކި ފަހަރުގެ މަތިން މީޑިޔާގައި އެއްވެސް އަސްލެއް އަސާސެއްނެތް ބުހުތާނު ދޮގު ވާހަކަތައް ހޯމް މިނިސްޓަރު ދައްކައި ހިންގި މުޑުދާރު އަމަލުތަކުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމަ އާއި މޮޅިވެރިކަން ކުރިމަތިވެފައިވޭ. ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަކުރެއްވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާމެދު މިފަދަ އިހާނެތި ގޮތަކަށް ކަންކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމުގައި އަޅުގަނޑުމެން ނުދެކެން،"
އާއިލާގެ ބަޔާނުގައި ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކުން ރައީސް ޔާމީން މަހުރޫމުކޮށްގެން އެމަނިކުފާނަށް ދެމެންދާ ލާއިންސާނީ އަނިޔާތައް ހުއްޓައިލުމަށާއި އެމަނިކުފާނަށް އެމަނިކުފާނުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. އަދި ރައީސް ޔާމީނާމެދު ދޮގު ބުހުތާނު ވާހަކަތައް ނުދެއްކުމަށާއި އެމަނިކުފާނަށް އަނިޔާވެރި ނުވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގޮވައިލާފައިވެއެވެ.
"ތަކުރާރުކޮށް ރައީސް ޔާމީނާމެދު އަނިޔާވެރިވެ އެމަނިކުފާނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން އެމަނިކުފާނު މަހުރޫމުކޮށް އެމަނިކުފާނާމެދު ދޮގު ބުހުތާނު ވާހަކަތައް ދައްކަމުންދާތީ އެކަމުގައި އާއިލާއަށް ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ވަރަށް އިހުތިރާމާއެކު ދަންނަވަން،"