އިދިކޮޅު ފަރާތްތައް

ގޭ ބަންދުގައި ހުންނެވިޔަސް ކުޑަދޮރުން ބޯދިއްކޮށްލައްވާ ސަލާމް ކުރެއްވޭނެ: އިދިކޮޅު

ސަރުކާރާއި މެދު ހިތްހަމަނުޖެހިގެން ދިވެހި ރައްޔިތުން މަގުތަކަށް ނުކުމެ އަޑު އުފުލުމުގެ އަދަބު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ނުދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅުން މިއަދު ބޭއްވި އެއްވުން ކުރިއަށްދިޔައިރު ރައީސް ޔާމީން ވަނީ ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ، ސަޕޯޓަރުންނަށް އަތްޕުޅުން ހަނައަޅުއްވާ ހިތްވަރު ދެއްވާފަ އެވެ. ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ.

މިއީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރި ފަހުން މިފަދަ ގޮތަކަށް އިދިކޮޅުގެ އެއްވުމެއްގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ.

އެކަމާއި ގުޅިގެން ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ސީޕީގެ އެ ވިދާޅުވުމާމެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ބައިވެރި ވުމާއެކު "އިންސާފު ހޯދަން" ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމުގައި ދިވެހި ރައްޔިތުން ވަނީ މި ސަރުކާރުން އިންސާފުގެ ބޭރުން ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް އަޑު އުފުލުމުގެ އިތުރުން ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާ ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާތީ އެކަންކަން ހުއްޓާލާ އިންސާފު ގާއިމު ކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

އަދި މި ހިންގާލުމުގެ ބައިވެރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤގައްޔޫމްގެ ގެކޮޅާ ހަމައަށް އެރުމުން އެމަނިކުފާނު ދެކިލުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ރައްޔިތުންނަށް ފެނިލުމަށް ގޭގެ ކުޑަދޮރުން ބޯދިއްކޮށްލައްވާ ބައިވެރިންނަށް އެމަނިކުފާނު ވަނީ އަތް ހޫރުވާ ސަލާމް ކުރައްވާފައި ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ގޭ ބަންދުގައި ހުންނަވާ ބޭފުޅަކަށް ނުކުރެއްވޭނެ ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނެއް ގަވާއިދެއް ނުވަތަ އުސޫލެއްގައިވެސް ބަޔާންކޮށްފައިނުވާ ކަމަށެވެ.

"... ހަމައެއާއެކު އެމަނިކުފާނާއި އެކު ދައުލަތުން އެއްބަސްވެފައިވާ އެއްވެސް އެއްބަސްވުމެއްގައިވެސް އޮތް ވާހަކައަކަށް ނުވާއިރު އެމަނިކުފާނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކޮމިޝަނަރު އޮފް ޕްރިސަންސް ޓްވީޓް ކުރައްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމެވެ.
އެއްވެސް އިންސާފުވެރިކަމެއް ނެތް ސަރުކާރަކުން ހިންގަމުން ގެންދާ ކަންތައްތަކާއިމެދު ދިވެހި ރައްޔިތުންގެ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހިންގާ ސިޔާސީ ހަރަކާތްތައް ހަޖަމު ނުވެގެން އެކަމުގެ އަދަބު ރައީސް އަބްދުﷲ ޔާމީން އަށް ދިނުމަށް ކުރަމުން ގެންދާ މަސައްކަތް މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.