ހަބަރު

ޖަލުތަކުގެ ހާލަތުގެ ހަގީގަތް ދަނީ ފޮރުވަމުން: އިދިކޮޅު

މާފުށީ ޖަލާއި މާލޭ ޖަލުގައި ދާދި ފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކާއި ޖަލުތަކުގެ ހާލަތު މިހާރު އޮތް ގޮތުގެ ހަގީގަތް ސަރުކާރާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް - ޕީއެންސީގެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖަލުތަކުގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވައި އޭނާގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރުމުން އޭނާގެ އަމަލުތަށް ކުށްވެރި ކުރާ ކަމަށެވެ.

ޖަލުގެ ކަންކަން ގޯހުން ގޯހަށް ގޮސް އެ ކަންކަން ނުބެލެހެއްޓި ބޮއްސުން ލައިގެން ގޮސްފައިވާ ކަމަށާއި މިކަމާ އެއްވެސް އެއްޗެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ނުވާތީ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މުނާޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

ޖަލުތަކުގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރާއި ދައުލަތުގެ ކަމާ ބެހޭ އެކި މުއައްސަސާތަކުން ދައްކަމުންދާ ވާހަކަތަަކުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަވަމުންދާތީ އެއީ އެ ކަމުގެ ހަގީގަތް ފޮރުވައި އޮޅުވާލަން ކުރާ މަސައްކަތެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ދެކޭ ކަމުގައި ބަޔާނުގައި ބުނެފައިވެ އެވެ.

"މި ކަމަކީ ހެޔޮ ވެރިކަމެއް ކުރަން އައި ސަރުކާރަކުން އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި އަނިޔާވެރިކަމާ ދެކޮޅު އެކި ކަހަލަ ޝިއާރު ބޭނުން ކޮށްގެން ވެރިކަމަށް އައިސް މިފަދަ އަމަލުތައް ހިންގުމަކީ މި ސަރުކާރުގެ އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ތެދުވެރިކަމެއް ނެތް ކަމާއި، މިއީ ކަނޑައެޅިގެން އަނިޔާވެރިވުން ކަމުގައި ދެކެމެވެ." އިދިކޮޅު ކޯލިޝަންގައި ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީންގެ ހާލަތާ މެދު ވެސް އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ރައީސް ޔާމީނާއި ޖަލުގައި ތިބި ގައިދީންނަށް ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ފޯރުކޮށްދިނުމަށް ސަރުކާރަށް އެ ކޯލިޝަނުން ގޮވާލާފައިވެ އެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިއިރު، ކަރެކްޝަންސްގެ ބައެއް ވާހަކަތައް ދޮގުކޮށް ފުލުހުންނާއި އިންސްޕެކްޓާ އޮފް ކަރެކްޝަން ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަނީ ވާހަކަ ދައްކައިފަ އެވެ.