އިދިކޮޅު ފަރާތްތައް

ހޯމް މިނިސްޓްރީގެ ޓްވީޓްގައިވަނީ ދޮގެއް: އިދިކޮޅު

ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހޯމް މިނިސްޓްރީގެ އިސްވެރިންނާއި މަޝްވަރާކޮށްފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން ކުރި ޓްވީޓްގައިވާ ވާހަކަތައް އިދިކޮޅުން ދޮގުކޮށްފި އެވެ.

އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން މިއަދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލް ކުރައްވާފައެވެ. އެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިދިކޮޅުން މި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޕީޕީއެމްގެ ދެ ނާއިބް ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މި ބައްދަލްވުމުގެ ފޮޓޯތަކާއެކު ހޯމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަނީލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ހ. ދޫވެހި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމާ ގުޅޭގޮތުން ޕީޕީއެމްޕީއެންސީ ކޯލިޝަންގެ ފަރާތުން މިނިސްޓަރު އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ އާ ބައްދަލުކުރައްވަނީ ކަމަށެވެ.

މިއަދު އެ ދެ ޕާޓީން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ހޯމް މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ދޮގު ހަބަރުތައް ފަތުރައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލުން ހުއްޓާލަން ގޮވާލިއެވެ.

މިއަދުގެ ބައްދަލްވުމަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލްކުރެވޭނެ އިންތިޒާމް ހަމަނުޖެހި ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި ރައީސް ޔާމީނާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ހޯމް މިނިސްޓަރުގެ އަރިހުގައި އެދިވަޑައިގަތުމަށް ބޭއްވެވި ބައްދަލްވުމެއް ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައިވެއެވެ.

"ރައީސް ޔާމީނާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަނުޖެހި ތަފާތު ބަހަނާތައް ދައްކަވައިގެން ދިގު ދެންމެމުގެ ބަދަލުގައި ހައިކޯޓް ފަނޑިޔާރުން އަމުރު ކުރައްވާފައިވާ ގޮތަށާއި އަދި އެއީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ [ހ] އިންވެސް ކަށަވަރުކޮށްދޭ ހައްގަކަށްވާތީ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމުތައް މިހާރުން މިހާރަށް ހަމަޖައްސަވައިދެއްވުމަށްވެސް ގޮވާލަން،" އެ ޕާޓީން ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.