ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ގެއަށް ބަދަލު ކުރަން އެދި ސިޓީއެއް

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް އެމަނިކުފާނުގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް އެދި އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ލީޑްކުރައްވާ އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ ރައީސް ސޯލިހަށް ފޮނުއްވެވި ސިޓީގައި ފަހަކަށް އައިސް މާފުށީ ޖަލުގައި ހަމަނުޖެހުންތައް ހިނގާ އަދި ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ތަފާތު އިންޒާރުތައް ލިބެމުންދާކަމުގެ ހަބަރުތައް މީޑީއާ މެދުވެރިކޮށް ލިބެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި އެކަމުގެ ތަފްސީލްތައް ހޯދުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ގުޅުއްވުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާ ކަމަށާ އަދި ކަރެކްޝަންގެ ބަހެއްވެސް ލިބިފައިނުވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް އެތަނުގައި ހަމަނުޖެހުން ހިނގުމާއި، ފުުލުހުންގެ އޮޕަރޭޝަންތައް ޖަލުގައި ހިންގުމަކީ އިދިކޮޅުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށާ އަދި އެފަދަ އޮޕަރޭޝަންތަކުގެ ސަަބަބުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރަސް އެޅިގެންދާ ކަމަށްވެސް އަބްދުއްރަހީމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މާފުށީ ޖަލުގައި ކޮވިޑް ފެތުުރުމުގެ ބިރު އޮތުމާއި، މިއީ ރޯދަ މަސްކަމުގައިވާތީ މިފަދަ ދުވަސްތަކެއްގައި ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ އިތުރު ކަންބޮޑުވުމެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް އެޅިފައިވާ މިންވަރު ބައްލަވަައިދެއްވާ ޖަލުގެ އިންތިޒާމްތައް ރަނގަޅު ކުރުމަށް ބާރު އަޅުއްވައިދެއްވާ ރައީސް ޔާމީނާ އެމަނިކުފާނުގެ އާއިލާއަށް ލިބެމުންދާ އަނިޔާތަކާއި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް އެމަނިކުފާނުގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

މި ސިޓީ އިދިކޮޅުން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެޗްއާރުސީއެމްގެ ރައީސާއަށްވެސް ފޮނުއްވާފައެވެ.

ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް މީގެ ކުރިން އެމަނިކުފާނުގެ އާއިލާއާއި ގާނޫނީ ޓީމުން އަދި އިިދިކޮޅު ކޯލިޝަނުންވެސްް ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.