ރައީސް އަބްދުﷲ ޔާމީން

ރޯދަމަހަށް ރައީސް ޔާމީން ގެއަަށް ބަދަލު ކޮށްދިނުމަށް ގޮވާލައިފި

ރޯދަމަހަށް ރައީސް ޔާމީން ގެއަަށް ބަދަލު ކޮށްދިނުމަށް ގޮވާލައިފި އެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނުހައްގުން ރައީސް ޔާމީން ޖަލުގައި ބަންދު ކޮށްފައިވާތާ ފަސް މަސް ދުވަސްވެފައިވާ ކަމަަށާ ދަށު ކޯޓުގެ ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލަ ވެސް ކުރިއަށް ނުދާ ކަމަށެވެ.

މީގެ ކުރިން ވެސް ތަފާތު ކުށްތަކުގައި ޖަލަށްލި ސިޔާސީ ބޭފުޅުން ރައީސް ޔާމީންގެ ދުވަސްވަރު ރޯދަ މަހަށް ގެއަަށް ބަދަލު ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެެވެ. އަދި ގައުމަށް ދިމާވާ ކާރިސާތަކާއި ގުޅިގެން ޖަލު ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް މައާފު ދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިދިކޮޅުން މިހެން ބުނި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރެކޯޑް އަދަދަކަށް ސިޔާސީ ލީޑަރުން ޖަލުގައި ބަންދު ކުރި އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫންވެސް ހިމެނިވަޑައިގަންނަވަ އެވެ. މައުމޫންގެ އާއިލާއިން އެދުމުންޗވެސް ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުޗކޮށްފައެއް ނުވެއެވެ. އަދި މައުމޫންގެ ޝަރީއަތްތައް ރޯދަ މަހު ވެސް ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭރު ރޯދަ މަހަށް ގެއަށް ބަދަލު ކޮށްފައި ވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް ރައީސް ޔާމީން ގެއަށް ބަދަލުކު ރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅަށް ބެއްލެވުމަށް ފަހު އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް މިދިޔަ ދުވަސްތަކުގައި އިދިކޮޅުން ތަކުރާރުކޮށް ގޮވާލި ގޮވާލުމަށް ވެސް ސަރުކާރުން އިޖާބަދީފައި ނުވާ ކަމަށެވެ.