ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައި ސިޓީ ލާފައެވެ.
އަވަސް އިން ސުވާލު ކުރުމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީގެއ ސިޓީއެއް ކަރެކްޝަަނަށް ވެސް ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސިޓީއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަދި ހޯއްދަވަން ޖެހޭ ލަފާތައް ވެސް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
ޖަލުގައި ހުންނަ ގައިދީއަކު ގެއަށް ބަދަލު ކުރާނަމަ އަދި އަދަބަށް ލުއި ދޭނަމަ އަމަލުކުރަން ޖެހޭ ގޮތްތަކެއް ގާނޫނުތަކާއި އުސޫލުތަކުގައި ލިޔެވިފައި ހުންނާތީ ކަރެކްޝަނުން އެކަންކަމަށް އަމަލު ކުރާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އެކަން ކަމާ ގުޅޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވެމުންދާ ކަމަށް. އަޅުގަނޑު އުއްމީދު ކުރަނީ މާ ލަސްތަކެއް ނުވެ ގޮތްތަކެއް ނިންމޭނެ ކަމަށް،" ސީޕީ ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެދުވަހު ރައީސް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީ ސިޓީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާތީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ގޮތްތަކެއް ނިންމަން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށްވެސް ދެރަ ގޮތެއް ނުވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރުން ލަސް ކުރާނަމަ މަޑުން ނުތިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ބޮޑު ކާމިޔާބެއް ލިބުނީ ރައީސް ޔާމީން މިނިވަން ކުރުމަށް ރައްޔިތުން ބޭނުންވާތީ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.