ޖަލުގައި މިވަގުތު ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ޖަލުގައި ކެމަރާ ހަރުކޮށްފައި ނުހުންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ މާފުށި ޖަލުގައި ރައީސް ޔާމީން ހުންނަވާ ގޮޅީގައި އަދި ފާހާނާގައިވެސް ކެމަރާ ހަރުކޮށްގެން އެމަނިކުފާނަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަރެކްޝަންސްގެ އިސްވެރިން ފާރަލާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނިކޮށެވެ.
އިދިކޮޅުން ބުނާ ގޮތުގައި މިސަރުކާރުން ގެންދަނީ ރައީސް ޔާމީންގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރަމުންނެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދީފާނެ ކަމުގެ ކަންބޮޑުވުންވެސް އިދިކޮޅުން ފާޅުކޮށްފައިވެ އެވެ.
އިދިކޮޅުގެ ތުހުމަތާ ގުޅިގެން ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ޖަލު ގޮޅީގައި ކެމަރާ ހަރުކޮށްފައި ނުހުންނާނެ ކަމަށެވެ. ނަމަވެސް ޖަލު ގޮޅި ބެލެހެއްޓުމަށް ނުވަތަ ސަވައިލެންސްގެ ބޭނުމަށް ކެމަރާއެއް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ފަހަރެއްގައިވެސް އެއީ އެ ތުހުމަތު ކުރާ ގޮތަށް ފާހާނާއަށްވާ ގޮތަށް ހުންނަ ކެމަރާއެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ތުހުމަތުތައް ދޮގުކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އިއްޔެ ވިދާޅުވީ ރައީސް ޔާމީންގެ އިންސާނީ އެއްވެސް ހައްގަކާއި ކަރާމާތަކަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އެމަނިކުފާނުގެ ޒަމީރު ތަންދޭ ކަމެއް ނޫން ކަމަށެވެ. ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކަށް ވާނީ ރައީސް ޔާމީންކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އެނގޭނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.