ޕޮލިޓިކްސް

ފުލުހުން އެންގީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މުޒާހަރާ ކުރަން: އިދިކޮޅު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކ. މާފުށީ ބޭރުން ކަނޑުމަތީ މުޒާހަރާއެއް ކުރަން ނިންމުމާއި ގުޅިގެން ކޯލިޝަނުގެ އިސްވެރިންތައް މިއަދު ފުލުހަށް ހާޒިރު ކޮށްފި އެވެ.

ފުލުހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު އެ އިދާރާގެ ބޭރުން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ފުލުހަށް ހާޒިރު ކުރީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އެ މުޒާހަރާ ކުރިއަށް ގެންދަން އިލްތިމާސް ކުރަން ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ފުރިހަމަ އެއްބާރުލުން އދިކޮޅުގެ މުޒާހަރާއަށް ލިބޭނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ކަމަށާއި ކަނޑުމަތީގައި މުޒާހަރާ ކުރިއަށް ދާނީ ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި އެ ޔަގީންކަން ފުލުހުންނަށް ވެސް ދީފައިވާނެ ކަމަށެވެ.

"ފުލުހުން މިއަދު އަޅުގަނޑުމެން ހާޒިރު ކޮށްގެން ބުނީ މުޒާހަރާއަށް ފުރިހަމަ އެއްބާރުލުން ދޭނަމޭ، އެކަމަކު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން އިލްތިމާސްކުރި. އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަން މި މުޒާހަރާ ކުރިއަށްދާނީ. ހަމަ ގައިދުރުކަން ބަހައްޓައިގެން." އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ފަސް ދޯންޏެއްގައި މީހުން މުޒާހަރާއަށް ދާނެ ކަމަށާއި ނަމަވެސް ބައިވެރިވާނެ އަދަދު ސީދާ ދަންނަވަން ދަތި ކަމަށެވެ. އަދި އެ މުޒާހަރާގައި ބައިވެރިވާ އުޅަނދުތަކަށް މީހުން އަރުވާނީ ހުން ބަލައި މާސްކް ވެސް އަޅުވައިގެން ކަމަށާއި މުޒާހަރާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އިގެ އަލާމާތެއް ހުރިނަމަ އެ މީހަކީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުގެ ސަޕޯޓަރަކަށްވި ނަމަވެސް މި ހަރަކާތުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންވާ ގޮތިން މާލެއިން ފުރައިގެން ދެވޭނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެނެވެ. އަދި ޒަރޫރީ އެއްވެސް ބޭނުމެއް ނެތި މާލެއިން ފުރުން ވަނީ މަނާ ކޮށްފަ އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމުގެ ޔަގީންކަން ފުލުހުންނަށް ދީފައިވާއިރު އިތުރަށް އެޗްޕީއޭ އާއި އެހެން އިދާރާއަކުން ނަގަން ޖެހޭ ހުއްދައެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދިނީ ފުލުހުންނަށް ޔަގީންކަން، މި ހަރަކާތް ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްކަން. ދެން އިތުރަށް އަޅުގަނޑުމެން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު މައިމޫނާގެ އަރިހަށް ގޮސް އާދޭސް ދަންނަވައި ނަގަންޖެހޭ އިތުރު ހުއްދައެއް ނޯންނާނެ. ނުވެސް ނަގާނަން. އެޗްޕީއޭ އުޅެނީ ސަރުކާރަށްވުރެ މަތީގައި. އެހެންވީމަ އެބޭފުޅުންނާއި ވާހަކަ ދެއްކުމެކޭ ރައީސް އިބްރާހިމް މުހައްދު ސޯލިހާ ބައްދަލު ކޮށް ވާހަކަ ދެއްކުމެކޭ އެއްވަރެއްނު! ހުއްޓުވާނެ ބަޔަކު ހުއްޓުވަންވީ. މުޒާހަރާ ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު މެންދުރުފަހު މާފުށި ބޭރުން ކަނޑުމަތީގައި މުޒާހަރާއެއް ކުރަން ހަމަޖެއްސީ މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކޮށްފައި ހުންނެވުމުން އެކަމާ ދެކޮޅު ހަދައި އެ މަނިކުފާނު މިނިވަން ކުރަން ގޮވާލުމަށެވެ. އެ މުޒާހަރާގައި ދައުލަތުގެ ހަރުމުދާ ވިއްކުމާއި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަަށް ވެސް އަޑުއުފުލާނެ އެވެ.

އިދިކޮޅުން ކަނޑުމަތީ މުޒާހަރާއެއް ބޭއްވުމަށް ނިންމާފައިވާއިރު އަންނަ ހުކުރު ދުވަހު މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި މުޒާހަރާ ކުރުމަށް ވެސް ނިންމާފައި ވެއެވެ.