ހަބަރު

ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރަނީ

Aug 30, 2020

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ. ފުލުހުން އެ މަނިކުފާނަށް އަންގާފައި ވަނީ އެ މަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި އެ އިދާރާއަށް ވަޑައިގަތުމަށެވެ. މިއީ 2013 ވަނަ އަހަރު ވެރި ކަމުން ވަކިވެ ވަޑައިގެންނެވި ފަހުން ރައީސް ވަހީދު ފުލުސް އިދާރާއަށް ހާޒިރު ކުރާ ފުރަތަމަ ފަހަރެވެ.

ރައީސް ވަހީދު ފުލުހަށް ހާޒިރުވެ ވަޑައިގަތުމަށް އެ އިދާރާއިން އެންގުމުން އެ މަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ގޮތުގައި މިއަދު ހަވީރު 4:00 ޖަހާއިރިު ގައި ފުލުހަށް ވަޑައިގަތުމަށް ނިންމަވާފައި ވެއެވެ.

އެ މަނިކުފާނު ހާޒިރު ކުރަނީ މިދިއަ ހުކުރު ދުވަހު މާލޭގައި އިދިކޮޅު ދެ ޕާޓީން އިސްވެ ބޭއްވި ސައިކަލް ބުރެއްގައި ބައިވެރިވެ ވަޑައިގެން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެނެވެ. އެ މަނިކުފާނަކީ ޕީޕީއެމްގެ އެޑްވައިޒަރެވެ. އަދި ފަހަކަށް އައިސް އެ ޕާޓީގެ ލީޑް ކުރައްވާ އަބްދުއްރަހީމާއި އެހެން ލީޑަރުންނާއެކު ފެނިވަޑައިގަތުން އެންމެ އާންމުވެފައިވާ ބޭފުޅަކީ ވެސް އެއީ އެވެ.

އިދިކޮޅު ސައިކަލް ބުރު

ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރާއިރު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ހުކުރު ދުވަހުގެ ސައިކަލް ބުރުގައި ގައިދުރުކަން ނެތް ކަމަށާއި ބައެއް އަދި ފަރާތްތަކުން މާސްކު ނާޅާ ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ ފުލުހުން މިހާރު ވެސް ވަނީ ތަހުގީގެއް ފަށާފަ އެވެ. އަދި އެ ދުވަހު ރައީސް ވަހީދު ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ އެ މަނިކުފާނަށް ފާޑު ކިޔަމުންނެވެ.

ހުކުރު ރަށްރަށުގައި އިދިކޮޅުން ބޭއްވި ސިޔާސީ ހަރަކާތްތަކާއި އެ ދުވަހުގެ މާލޭގައި ބޭއްވި ސައިކަލް ބުރަށް ފަހު ނިންމާލުމެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެ ގޮތުން "ރައްޔިތުންގެ މާލީ ހަޒާނާ ހުސްވެގެން ދިޔައީ އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށް ނުދީ" ކަމަށް ވިދާޅުވި އެވެ.

ވެރިކަމުން ވަކިވެ ވަޑައިގެންނެވި ފަހުން ރައީސް ވަހީދު މިދިއަ ހައެއްކަ އަހަރުތެރޭގައި ގިނައިން އުޅުއްވެވީ ބޭރުގެ ބައެއް ބޮޑެތި ޔުނިވާސިޓީތަކުގައި ކިޔަވައި ދެއްވުމާއި ރިސާޗްތައް ހެއްދެވުމުގަ ބައެއް ބޮޑެތި ކުންފުނިތަކަށް ލަފާ ދެއްވުމުގަ އެވެ. އެ މަނިކުފާނު އަލުން ރާއްޖޭގެ ސިޔާސީ މައިދާނަށް ވަޑައިގަތްތާ އަދި މިވީ މަހެއްހާ ދުވަހެވެ. ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ރައީސް ވަހީދު އަލުން އިދިކޮޅު ހަރަކާތަކުގެ ތެރެއަށް ވަދެ ވަޑައިގެން ސިޔާސީ މަސައްކަތް ފެއްޓެވި ހިސާބުން ފެށިގެން އެމްޑީޕީގެ ފާޑުކިޔުން އެ މަނިކުފާނަށް ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ.

ހުކުރު ދުވަހުގެ ސިޔާސީ ހަރަކާތްތަކާ ގުޅުވައި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް މިރޭ ފުލުހަށް ހާޒިރު ކުރެއެވެ. އޭނާއަކީ ޕީޕީއެމްގެ ނައިބު ރައީސެވެ.