އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މުޒާހަރާގެ ތެރެއިން 30 މީހުން ހައްޔަރުކުރި ކަމަށާއި ނަމަވެސް ރޭ އެ އެންމެން ދޫކޮށްލައިފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން ތިން މީހުން ފިޔަވައި އެންމެ ދޫކޮށްލީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެފައިވާތީ ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މުޒާހަރާ ފެށުމުގެ ކުރިން ވެސް ފުލުހުން ވަނީ ޕީޕީއެމް / ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެެނެ އެވެ. އަދި ބައެއް އާންމުން ވެސް އެގޮތަށް މުހާޒާގެ ކުރީން ހައްޔަރުކުރި އިރު މަޖިލީހުގެ މިނިވަން މެންބަރު، ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހައްޔަރު ކުރި އެވެ.
އިއްޔެ މުޒާހަރާއިން ހައްޔަރުކުރި އެހެން ބައެއް ބޭފުޅުންގެ ތެރޭގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުުރުން ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލު ހިމެނެ އެވެ.
ކޮވިޑާ ގުޅިގެން މި ދުވަސްވަރު މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ