މޯލްޑިވްސް ޕޮލިސް ސާވިސް

ނުވަ މީހުން ދޫކޮށްލުމަށްފަހު އެކަކު ބަންދަށް

Oct 11, 2022

މަަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެކަކު ފިޔަވާ އެންމެން ދޫކޮށްލައިފި އެވެ.

މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔައީ 10 މީހުންނެވެ. އެއީ ހަތް އަންހެނުންނާއި ތިން ފިރިހެނުންނެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ ޕީޕީއެމްގެ ޔޫތު މެންބަރު އަލީ އިޒްހާން އެވެ. ކޯޓުން އޭނާގެ ބަންދަށް ދިނީ ތިން ދުވަހެވެ.

ފުލުހުން އިއްޔެގެ މުޒާހަރާ ރޫޅާލީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ އެ މައްސަލަ ސީރިއަސް މައްސަލައިގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ އެއްވެސް ހުށަހެޅި އެވެ. ނަމަވެސް ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި މިމައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

މާލޭގެ މަސް މާރުކޭޓް ސަރަހައްދުގައި "ލޭނާރު"ގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ގޮވާލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ފުއްދައިދިނުމަށެވެ. ކަރުދާސްތަކެއްގައި ޝުއޫރުތައް ލިޔެފައި ހުރިއިރު މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދިނުމާއި މަސްވެރިން ބާނާ މަސް ކިރުވޭނެ ގޮތެއް މިސަރުކާރަށް ހަމަޖައްސައިދެވިފައި ނުވުމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ މަސް ކަނޑުތައް ބޭރުގެ ފަރާތްތަކަށް ވިއްކާލައި މަސްވެރިންނަށް ހިޔާނާތްތެރިވަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.