ޕީޕީއެމް

ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ މައިދާން ސަރަހައްދުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޖުމްހޫރީ މައިދާނަށް އެއްވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ތިއްބެވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އެވެ.

މީގެއިތުރުން ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އައިފާންވެސް ހިމެނެ އެވެ.

މާފަންނު ޕޮލިސް ސްޓޭޝަނަށް މި ފަސް ބޭފުޅުން މިއަދު އެކި ވަގުތުތަކުގައި ހާޒިރުވާން އަންގާ މިހާރު ވަނީ ޗިޓް ފޮނުވާފަ އެވެ.

ލީޑަޝިޕްގެ ބޭފުޅުން ހާޒިރުކުރެވޭ ގަޑިތައ:

  • އަހްމަދު ތޯރިގް - ހެނދުނު 10:00
  • އާދަމް ޝަރީފް އުމަރު - ހެނދުނު 11:00
  • މުހައްމަދު ސައީދު - މެންދުރު 12:00
  • އަހްމަދު ޝިޔާމް - މެންދުރު 1:00
  • އިބްރާހިމް ޝުޖާއު - ހަވީރު 4:00

މި ފަސް ބޭފުޅުން ޖުމްހޫރީ މައިދާނުގައި ތިއްބެވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދާރާތަކަށް ހާޒިރުވެގެން އެއްވެސް އަލިމަގެއް ނުފެނުމުން އިހްތިޖާޖުކުރުމަށެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގައިވާ ގޮތުން ގްރީން ޒޯނަކީ އެއްވުން މަނާ ސަރަހައްދެކެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ހައިކޯޓުގައި އޮތް ރައީސް ޔަމީންގެ އިސްތިއުނާފް މައްސަލަ މަޑުޖައްސުވާފައި އޮތީ ބަޔަކު ގަސްދު ގައެވެ. މައްސަލަ މިވަގުތަށް މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކެއް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މިހުކުމް ހައިކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.