އިލެކްޝަންސް ކޮމިޝަން

ވޯޓް ކަރުދާސް ބޭރުވެފައެއް ނެތް، ކުރަނީ ދޮގު ތުހުމަތު: އީސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކަރުދާސް ބޭރުވެފައިވާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިހެން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކަރުދާސް ބޭރުވެފައިވާ ކަމަށް ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.

ލ. ގަމުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ މީހުން ބައެއް ރަށްރަށަށް ގޮސް އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ވޯޓު ކަރުދާސްކޮޅެއް ދިނުމަށްފަހު ފާހަގަ ޖެހުމަށް އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ވޯޓު ކަރުދާސް ބޭރުކޮށްގެން މި އިންތިހާބުގައި ވައްކަން ކުރަން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ލ. އަތޮޅުގެ ކޮންމެ ރަށަކަށް ބެލި ނަމަވެސް މިހާރު ޓީމު ބޮޑު ވާނީ ޕީޕީއެމް ޕީއެންސީއަށް ކަމުގައިވެސް ވިދާޅުވި އެވެ.

"މި ތުހުމަތުކުރަނީ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް. އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވައި ދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ތުހުމަތާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ނައިބްރައީސް އިސްމާއީލް ހަބީބް އަބްދުއްރަހީމް ކުރެއްވި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ހަބީބް ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި ބައެއް ބޭފުޅުން ވާހަކަދައްކަވަނީ އެބޭފުޅެއްގެ ފައިދާ އަށް ކަމަށާއި ކޮމިޝަނުން މަސައްކަތް ކުރަނީ ގާނޫނުތަކެއްގެ ތެރެއިން ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ވޯޓް ކަރުދާހަކީ ރައްކާތެރިކަމާ އެކު އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ބަލަހައްޓާ އެއްޗެއް ކަމަށާއި ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުތަކަށް ފޮނުވަނީ ހާއްސަ އިންތިޒާމެއްގެ ތެރެއިން ފުލުހުން މެދުވެރިކޮށް ކަމަށްވެސް ވިދާޅުވި އެވެ.

"އިންތިހާބުގެ ކުރިން ވޯޓު ކަރުދާސްކޮޅެއް މީހަކަށް ދިނުމަށްފަހު ވަކި ގޮތަކަށް ފާހަގަޖެހުމަށް އެދޭ ކަމަށް ދައްކަވާ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން. އެމްޑީޕީ މީހުންނަށް ވެސް އަދި އެހެން ބަޔަކަށްވެސް ވޯޓްކަރުދާސް ލިބެންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިންތިހާބަށް ތައްޔާރުކުރި ވޯޓް ކަރުދާސް އިލެކްޝަން ކޮމިޝަނުން ވޯޓްލާ މަރުކަޒުތަކަށް ފުނުވުމާ ހަމައަށްވެސް ހުންނާނީ ރައްކާތެރިކަމާ އެކުގައި ކަމަށް ޔަގީންކޮށްދެއްވާ ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުން ތައްޔާރުކުރި ހަގީގީ ވޯޓް ކަރުދާސް ބޭރުވެއްޖެނަމަ އިލެކްޝަން ކޮމިޝަނެއްވެސް، ނޯންނާނެ. އެހާ ޔަގީންކަން އެބައޮތް،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ. އަންނަ ހޮނިހިރު ދުވަހު ވޯޓުލުމަށްޓަކައި ކަމާ ގުޅޭ ތަކެތި މިއަދު ވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ.