ޕީޕީއެމް

މެންބަރު ސިރާޖާއި ލ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް

ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު އާއި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

މޫސާ ސިރާޖާއި އިސްމާއީލް އަލީ ވެސް މިހާރު ހުންނެވި މަގާމަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ.

މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ އޮގަސްޓް 21 ވަނަ ދުވަހު އެވެ.

އިސްމާއީލް އަލީ އެމްޑީޕީން ވަކިވެވަޑައިގަތީ މިއަހަރު ބޭއްވި އެމްޑީޕީގެ ޕްރައިމަރީއަށްފަހު ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އެވެ. ސިޔާސީ އެ ކޯޅުމުގެ ތެރެއިން އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައިވެސް އިސްމާއީލް އަލީ ކުރިން މަސައްކަތް ކުރައްވާފައިވެ އެވެ.

ލ. ގަމުގައި މިރޭ ބޭއްވި ޕީޕީއެމް ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި މޫސާ ސިރާޖާއި އިސްމާއީލް އަލީގެ އިތުރުން ލ. އަތޮޅުގައި ހަރަކާތްތެރިވާ ވާދަވެރި ޕާޓީތަކުގެ މީހުން ޕީޕީއެމް އަށް ސޮއިކޮށްފައިވެ އެވެ.

މި ހުރިހާ ބޭފުޅުންގެ މެންބަޝިޕް ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.