ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ ޓިކެޓް ހޯދުމަށް މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީއަށް މިއަދު ސޮއިކުރައްވައިފި އެވެ.

މުއިއްޒު ޕީއެންސީއަށް ސޮއިކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ނިންމާ ރިޔާސީ ޓިކެޓަށް ހުޅުވާލި ފަހުންނެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުށަހެޅޭނީ އެ ޕާޓީގެ މެންބަރަކަށެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަމުގައި ހުންނެވި މުއިއްޒު ޕީއެންސީއަށް ސޮއިކުރެއްވި ފޯމު ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކުރައްވާފަ އެވެ.

މުއިއްޒު ޕީއެންސީއަށް ސޮއިކުރެއްވުމުން ޕީޕީއެމްގެ ނައިބު ރައީސްކަން ގެއްލޭނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާއިރު ޕީއެންސީގެ ރިޔާސީ ޓިކެޓްގައި ވާދަކުރާނެ ބޭފުޅެއް ކަނޑައެޅުން އޮންނާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުގަ އެވެ.

މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.