އަބްދުއްރަހީމް އަބްދުﷲ

ސަރުކާރު އިދާރާތަކުގެ އެއްބާރުލުން ލިބޭ: އަދުރޭ

ވެެރިކަން ބަދަލުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ހުރިހާ ވުޒާރާ އަކުންވެސް އެއްބާރުލުން ދެމުންދާ ކަމަށް އިންތިގާލީ މަރުހަލާގެ ޑިރެކްޓާ ޖެނެރަލް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން ޖުމްލަ ގޮތެއްގައި ލިބޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކަށް އެކުލަވާލި 15 ޓީމުގައި 500 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާ ކަމަށާއި ޓީމުތައް މިހާތަނަށް ޒިޔާރަތް ކުރި ހުރިހާ އިދާރާ އަކުން ވެސް ބޭނުންވާ މައުލޫމާތު ހިއްސާކުރާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރު ކުރިއަަށް ދަނީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތް ބެލުމާއި، ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ.

އިންތިގާލީ މަރުހަލާ ކުރިއަށްދާތީ ބައެއް ކަންކަން ނުކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެވެ. މީގެތެރޭގައި ހިމެނޭ އެއް ކަމަކީ އިންތިގާލީ މަރުހަލާގެ ތެރޭގައި ސިޔާސީ މަގާމުތަކަށް އިތުރަށް ބޭފުޅުން އައްޔަންނުކުރުމާއި މުސާރައިގެ ކުރިއެރުން ނުދިނުމެވެ. ނަމަވެސް މިސަރުކާރުން ވަނީ ބައެއް ގައުމުތަކަށް ސަފީރު އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާފަ އެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ބަދަލުވާން މަހަކަށް ވެފައި ވަނިކޮށް ގައުމުތަކަށް ސަފީރުން އައްޔަންކުރުމަކީ މާލީ ގޮތުން ދައުލަތަށް ދެވޭ ބުރައެއް ކަމަށެވެ.

"މި ސަރުކާރުން އދއަށް ފޮނުވާ ސަފީރު ނުވެދާނެ އަންނަ ސަަރުކާރުން އެތަނުގައި ބަހައްޓަން ބޭނުންވާ ބޭފުޅާއަށް. އެއީ ތަފާތު ސިޔާސަތުތަކެއް މި ގެންގުޅެނީ. ދެން އަނެއްކާ އޭނަ ބަދަލުކުރަންވީމަ ދައުލަތަށް ވެސް ވަރަށް ބުރަ ބޮޑުވޭ އެބަ. ހަރަދުތަކެއްްވެސް އިތުރަށް އެބަ ހިނގާ. ބުއްދީގެ ހަމައިން ވިސްނާލީމަ އެބަ އެނގޭ އެއީ މިވަގުތު ކުރަން ޖެހޭ ކަމެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރު މިސަރުކާރާ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާކޮށްފައި ނުވާތީ ރައްޔިތުން އަނެއްކާވެސް މިވަނީ އެހެން ބަޔަކާ ސަރުކާރު ހިންގުން ހަވާލުކޮށްފައި ކަމަށެވެ. އެކަމަކު މިވަގުތުވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ސިވިލް ސާވިސްގެ މަތީ މަގާމުތަކެއް އުފައްދަވައި އެ މަގާމުތަކަށް ހަމަޖައްސަވަމުން ގެންދަވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

"ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް ދަންނަވަން އެފަދަ ކަންކަން ނުކުރުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.