ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ވައުދު: މަސް ގަންނަ އެންމެ ކުޑަ އަގު 20 ރުފިޔާ

ވެރިކަން ލިބިވަޑައިގެންފިނަމަ ރޯ މަސް ގަންނަ އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމުގައި ހަމަޖައްސާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އޭނާގެ ވެރިކަމެއްގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމުގައި، ދުނިޔޭގެ އެހެނިހެން ބާޒާރުތަކުގައި މަސް ގަންނަ އަގު ތަކަށް ބަލައި ރާއްޖޭގައި އެންމެ ކުޑަ ވެގެން 20 ރުފިޔާއަށް މަސް ގަންނަ ގޮތް ހަމަޖައްސާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަސް ގަންނަ އަގު، އޭނާގެ ވެރިކަމެއްގައި އެ އަގުގައި ހިފަހައްޓައިދޭނެ ކަމަށާއި އޭނާ މަސައްކަތްކުރާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.

"ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނިންމާނީ ރައްޔިތުން،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމަކީ ރައީސް އަބްދުﷲ ޔާމީނުގެ މެނިފެސްޓޯގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މަސްވެރިންގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ސަރުކާރުގައި މަސްވެރިކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެވިފައި ނުވާ ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

މުއިއްޒު ވަނީ މީގެ ކުރިން އެހެން ރަށްރަށުގައި ބޭއްވި ކެމްޕއެިން ޖަލްސާތަކުގައިވެސް މަސްވެރިންގެ މައްސަލަތައް ހައްލުކުރުމުގައި މިސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.