ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވުމަށް ނިންމައިފި އެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން މިކަން ހާމަކުރެއްވީ އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ލަތީފް ވިދާޅުވީ ދެން އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހަސަން ހިއްސާކުރައްވާފައެއް ނުވެ އެވެ.
ދަ ޑިމޮކްރެޓްސް އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓެއް ނެރެ ތިންވަނަ ހޯދި ޕާޓީ އެވެ. ދެވަނަ ބުރުގައި އެ ޕާޓީގެ ތާއީދަށް ޑރ. މުއިއްޒު އަދި ޕީޕީއެމް ޕީއެންސީ އިން އެދުނު ނަމަވެސް ޑިމޮކްރެޓުން ނިންމީ އެއްވެސް އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.
މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވިއިރު ޕީޕީއެމް ޕީއެންސީއާ އެކު ޑިމޮކްރެޓުން އަދި މިހާތަނަށް ހަދާފައިވާ އެއްބަސްވުމެއް ވެސް ނެތެވެ.
ޑިމޮކްރެޓުންނަކީ އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރި ބޭފުޅުން ތަކެއް އިސްވެ ތިއްބަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް އެ ޕާޓީގެ އިސްވެރިން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.