ދަ ޑިމޮކްރެޓްސް

ކޯލިޝަން ހެދުމާ ގުޅޭގޮތުން ޑިމޮކްރެޓުން މިރޭ ގޮތެއް ނިންމަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތް މިރޭ ނިންމާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ޑިމޮކްރެޓްސްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ ޑިމޮކްރެޓްސް އިން މިރޭ 9:00 ގައި ބާއްވާ ކައުންސިލް ބައްދަލުވުމުގައެވެ.

ޑިމޮކްރެޓުންނާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް އަދި އެމްޑީޕީން ވެސް ވަނީ ހުށަހަޅާފަ އެވެ.

ކޯލިޝަން ހެދުމަށް ޑިމޮކްރެޓުންގެ މައިގަނޑު ޝަރުތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު އެ ވޯޓު ނެގުމަށްވެސް ޑިމޮކްރެޓުން ވަނީ ހުށަހަޅާފަ އެވެ. ޕީޕީއެމުން ވަނީ ޑިމޮކްރެޓުންގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. އެމްޑީޕީން އަދި އެއްވެސް ޖަވާބެއް ނުދެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،839 ވޯޓެވެ. އޭނާއަށް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ލިބުނީ ތިންވަނަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.