އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިކުރަން ރަސްމީ މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށް ޕީޕީއެމް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީ އިން މިހެން ބުނެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރޭ ވިދާޅުވެފައި ވަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ވިދާޅުވީ ދެން އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހަސަން ހިއްސާކުރައްވާފައެއް ނުވެ އެވެ.
ހަސަންގެ ވާހަކަފުޅާ ގުޅިގެން ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާ އަވަސް އިން ސުވާލުކުރުމުން ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ ޕީޕީއެމް ޕީއެންސީ އާއި އެކު ދަ ޑިމޮކްރެޓްސް އިން ހަދާފައި އޮތް އެއްބަސްވުމެއް ނެތް ކަމަށެވެ.
"އެއްބަސްވުމެއް ނެތި ސަރުކާރެއްގައި ބައިވެރިވާނެ ގޮތެއް ނޭނގެ. ނުވިސްނޭ. އަނެއްކާ ޑިމޮކްރެޓުންނަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓް އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ތާއީދުކޮށްދިނުމަށް އެދުމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރި ބައެއް. އެހެންވީމާ ޑިމޮކްރެޓުންގެ އެއްވެސް ބައިވެރިވުމެއް ނެތި ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިކުރަން ޖެހޭ ސަބަބެއް ނުވިސްނޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް އެކުވާލާ ސަރުކާރު އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ޑރ. މުއިއްޒަށް އޮންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވަޒީފާ ދޭނެ ބަޔަކު ނިންމަވާނީ މުއިއްޒު ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓެއް ނެރެ ތިންވަނަ ހޯދި ޕާޓީ އެވެ.