ރައީސް ޔާމީންގެ ޝަރީއަތް

ޔާމީންގެ ޝަރީއަތުގެ ކަންބޮޑުވުންތައް ބައިނަލްއަގްވާމީ މީޑިއާއާ ހިއްސާކޮށްފި

Nov 9, 2019
3

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ހުރި ކަންބޮޑުވުންތައް އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމްއާއި ކޮންގްރަސް ޕާޓީގެ ކޯލިޝަނުން ބައިނަލްއަގްވާމީ މީޑިއާތަކާ އިއްޔެ ހިއްސާ ކޮށްފި އެވެ.

ރައީސް ޔާމީންގެ ޝަރީއަތުގައި ހުރި ކަންބޮޑުވުންތައް ބައިނަލްއަގްވާމީ މުޖުތަމައާ ހަމައަށް ގެންދިއުމަށްޓަކައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަފުދެއް މިހާރު ގެންދަނީ އަވައްޓެރި ސްރީލަންކާގައި ހަރަކާތްތެރިވަމުންނެވެ.

ލަންކާއަށް ވަޑައިގެން އުޅުއްވާ އިދިކޮޅު ކޯލިޝަންގެ ވަފުދުގައި ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ
ވަކީލުންގެ ޓީމުގައި ހިމެނޭ ޑރ. މުހައްމަދު ޖަމީލު އަހުމަދު ހިމެނެ އެވެ. ދެން އުޅުއްވަނީ ޕީޕީއެމް ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ކޮންގްރަސް ޕާޓީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، ކޮންގްރަސް ޕާޓީގެ ނައިބު މުހައްމަދު ހުސައިން ޝަރީފް އެވެ.

އެ ބޭފުޅުން އިއްޔެ ލަންކާގައި ވަނީ ބައިނަލްއަގްވާމީ މީޑިއާތަކާ ބައްދަލުކޮށް، ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބުމަށް ހުރި ދަތިތަކާއި އެ މައްސަލާގައި އޮތް ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި ރާއްޖޭގެ ޖުޑިޝަރީ އޮތް ހާލަތު ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުރު ބައިވެރިންނާ ހަމައަށް ގެންދިއުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ޕީޕީއެމްއާއި ކޮންގްރަސް ޕާޓީގެ ޓީމު ލަންކާގައި

ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް ބާއްވައި، ހުކުމް ކުރުމަށް މިދިޔަ އަންގާރަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި ވަނިކޮށް ޖޭއެސްސީން ވަނީ އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެ ދުވަހުގެ ހެނދުނު ސަސްޕެންޑް ކޮށްފަ އެވެ.

ހައިލަމް ސަސްޕެންޑް ކުރީ ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖަކާ ގުޅިގެންނެވެ. ހައިލަމް ފޮނުއްވި މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ގެންދާ މަންޒަރެވެ.

ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ޔަގީން ކަން ހޯދުމަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމށެވެ. ހައިލަމަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލަ ބަލަން ޖެހޭ ކަމަށް އިދިކޮޅު ސިޔާސީ ބޭފުޅުން ވަނީ ގޮވާލައްވައިފަ އެވެ.